ޚަބަރު
މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ދެވޭ މާލީ އެހީތެރިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި
މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ދެވޭ މާލީ އެހީތެރިކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފާއި، މޯލްޑިވްސް ފައިނޭންސިންގ އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވަނީ ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިގެންދާ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމާއި އަދި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އިއްޔަ ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް، އަދި ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް އިންވެސްޓް ކުރުމަށް ޓަކައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އަމިއްލަ ކުންފުނިތަކުގެ ދައުރު އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުތައް ތަނަވަސްކުރެވިދާނެ ގޮތަތްކަށް މި ބައްދަލުވުމުގައި ހާއްސަ ގޮތެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
Minister Ali Shareef and Ms. Ibthishama Ahmed Saeed, CEO and Managing Director of Maldives Financing and Leasing Company (MFLC), met today to explore opportunities for collaboration on advancing climate finance and sustainable investment in the Maldives pic.twitter.com/bIXiJuVv1a
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 8, 2026
އެމްއެފްއެލްސީއިން ވަނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދޭ މަޝްރޫޢުތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މާލީ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއްގެ ފެށުން ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.