ޚަބަރު
ފުލުހުންގެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފި
ޕޮލިސް ސްޓޭޝަން. ފޮޓޯ: އިންޓަނެޓް
ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންވާ ތަފާތު މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، މުދާ ފޯރުކޮށްދޭ ފަރާތްތަކަށާއި، މަސައްކަތްތެރިންނަށް ހުޅުވާލާފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.
ދިވަހި ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި މިކަން ހާމަކޮށް އެ އިދާރާއިން ވިދާޅުވީ، އެ އިދާރާއަށް ބޭނުންވާ ތަފާތު މުދަލާއި، ޚިދުމަތް އަދި މަސައްކަތުގެ ތެރެއިން، އޭގެ އަގު 35،000 ރުފިޔާއަށްވުރެ ކުޑަ، މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ ''ވެންޑަރ ޕޫލް'' އެކުލަވާލުމަށް ބޭނުންވާކަމަށެވެ.
މި ވެންޑަރ ޕޫލް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ފުލުހުން ބޭނުންވާ ތަފާތު މުދަލާއި، ޚިދުމަތްތައް ހޯދުމަށް ކުރެވޭ "ރިކުއެސްޓް ފޯ ކޯޓޭޝަން" (އާރްއެފްކިޔު) ތަކަށާއި، ޕްރޮކިޔުމެންޓާ ގުޅުންހުރި އެހެނިހެން ކަންކަމުގައި މުދަލާއި ޚިދުމަތް ފޯރުކޮށްދޭނޭ ފަރާތްތައް ދުރާލާ ދެނެގަތުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި، ޚިދުމަތުގެ ބާވަތައް ރިޢާޔަތްކޮށް، އެއް ދާއިރާއަށްވުރެ ގިނަ ދާއިރާތަގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ދާއިރާތަކުގެ އިތުރު ތަފްސީލު "ވެންޑަރ ޕޫލް ރަޖިސްޓްރޭޝަން ފޯމް" ގައި ހިމަނާފައިވާނެކަމަށް އެ އިދާރާއިން ބުނެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތާއި، ރަޖިސްޓާވުމަށް އެދި ހުށައަޅަންޖެހޭ ފޯމު ފުލުހުން ގެޒެޓުގައި ޝާއިރުކޮށްފައިވާއިރު، މިކަމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 30 ޖުލައި 2026 ވަނަ ދުވަހުގެ 12:00 އެވެ. އޭގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ނަމަ އެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 އަށް ގުޅުއްވުމަށް އެ އިދާރާއިންވަނީ އެދިފައެވެ.