ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅަގުމަތީގެ / ޅ. ހިންނަވަރު، އަޙްމަދު ޝިރުޙާނު މުޙައްމަދު (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ފުލުހުން ވަނީ އޭނާ ބަލައިފާސްކޮށްފައެވެ. ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށްރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފިhttps://t.co/b9xv5I46jC
— Maldives Police (@PoliceMv) July 9, 2026
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.
އަދުގެ ސަރުކާރުން ރާއްޖޭގައި ކުށް މަދުކުރުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މުޅި ރާއްޖޭގެ ފުލުހުންގެ މަރުކަޒުތަށް ގާއިމު ކުރުމަށް ވަނީ ނިންމަވާފައެވެ.
މަސްތުވާތކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެހާމެ ހައްސާސް މައްސަލައެއް ކަމުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާ އެހެން އެއްވެސް ސަރުކާރަކުން އަތުލައި ނުގަންނަހާ ގިނަ މަސްތުވާ ތަކެތި އަތުލައިގަނެ އެތަކެތި ވަނީ ނައްތާލާފައެވެ.