ޚަބަރު
ޝިޕިންގ ދާއިރާއިން ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދިނުމަށް އެމްއެސްއެސްއިން 'އެމްއެންޔޫ ފަހި ދުވަސް' ހަރަކާތަށް
މޯލްޑިވްސް ސްޓޭޓް ޝިޕިންގ--
ޝިޕިންގ ދާއިރާއިން ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކުރާ "އެމްއެންޔޫ ފަހި ދުވަސް" ހަރަކާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބައިވެރިވެއްޖެއެވެ.
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ. މި އިވެންޓުގެ ތެރެއިން ޝިޕިންގ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، މި ދާއިރާއަށް ދަރިވަރުން އަހުލުވެރިކޮށް ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ހިއްސާކުރެވިގެންދާނެވެ.
އެމްއެސްއެސްއިން ފާހަގަކުރާ ގޮތުގައި، މިއީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން މުސްތަޤުބަލު ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އަދި މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ، އުޖާލާ މުސްތަޤުބަލެއް އޮތް ދާއިރާއެއްކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެދުނު އެމްއެސްއެސް އަކީ ދިވެހިރާއްޖެ ދުނިޔޭގެ ވިޔަފާރީގެ ވިއުގައާ ގުޅުވައިދޭ މުހިންމު ރަމްޒެކެވެ. ޝިޕިންގ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި ކުންފުންޏަކީ، އިތުބާރާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒު ހިފާފައިވާ މުއައްސަސާއެކެވެ.
ވިޔަފާރި ފުޅާކުރުމުގެ އިތުރުން، އެމްއެސްއެސްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ޤާބިލު ހުނަރުވެރިން ބިނާކޮށް ތަމްރީނުކުރުމަށެވެ. އެގޮތުން، އެ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ މި ދާއިރާއަށް އަލަށް ގުޅި، މަސައްކަތުގެ ތެރެއިން ތަޖުރިބާ ހޯދާފައިވާ ހީވާގި މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.
ޒިންމާދާރުކަމާއެކު އައު އީޖާދުތަކަށް މަގުފަހިކޮށްދިނުމަކީ އެމްއެސްއެސްގެ އެންމެ މުހިންމު އެއް އަސާސެވެ. ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ މުއްސަނދި ތާރީޚާއި ޒަމާނީ ވަސީލަތްތައް ގުޅުވައިދީ، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި މި ކުންފުންޏަކީ ދިވެހިންގެ ފަޚުރެކެވެ.