Ads by Farudhun

ޚަބަރު

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

މާލީ ވުޒާރާ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ޖުލައި 2026، 04:02

10 ޖުލައި 2026، 04:02

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، 2 ޖުލައި 2026 ގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ، ޚާއްޞަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އިތުރުވުމުގެ ސަބަބުން، ރާއްޖޭގެ މާލީ ހާލަތު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހަރުދަނާކަންމަތީ ދެމިއޮތެވެ. 

ދިވެހިރާއްޖޭގެ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ވާގޮތުންނަމަ، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާކަމަށްވާއިރު، ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 2.0 ބިލިއަން ރުފިޔާ ނުވަތަ 13.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި، އާމްދަނީން ނެގޭ ޓެކްސް ދެއްކުމުގެ ސުންގަޑި މުއްދަތުގެ ތެރޭގައި އައިސްފައިވުމުގެ ސަބަބުން، އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. އެގޮތުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔައަރާއި އަޅާބަލާއިރު، 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީ އަކީ ދައުލަތުގެ އާމްދަނީގައި މުހިންމު ދައުރެއް އަދާކުރި ދާއިރާއަކަށްވާއިރު، ޖީ.އެސް.ޓީގެ ގޮތުގައި ވަނީ ޖުމްލަ 9.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު، 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ-ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބިފައިވާ 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި ޚަރަދުތައް އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވެގެންދިއުމެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލުމުގެގެ ސަބަބުން، ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ޓަކައި ފޯރުކޮށްދެމުންދާ ސަބްސިޑީގެ ޚަރަދުތައްވެސް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާއިން އުފުލިފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން މިއީ އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ސިވިލް ސާވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަވެގެންދެއެވެ. 

މުސާރަ އާއި އުޖޫރައަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. 

ރިކަރަންޓް އެކްސްޕެންޑިޗަރ 20.3 ބިލިއަން ރުފިޔާގައި ހުރިއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ތަފާސް ހިސާބުން ހާމަކޮށްދެނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވަމުންދާކަމެވެ.

ޚަރަދުތައް އިތުރުވެފައިވާ ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެކެވެ. ނަމަވެސް، ހުރިހާ ޚަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 975.9 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450