ކުޅިވަރު

ފީފާ ވޯލްޑް ކަޕް 64 ޓީމާއެކު ބޭއްވުމުގެ ދިރާސާތަކެއް ކުރަނީ

ފީފާ ވޯލްޑް ކަޕް 64 ޓީމާއެކު ބޭއްވުމުގެ ދިރާސާތަކެއް ކުރަނީ

ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޖުލައި 2026، 03:20

13 ޖުލައި 2026، 03:20

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ދިރާސާތަކެއް ކުރުމަށް ފީފާއިން ނިންމައިފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތަކެއްކޮށް ގޮތްތަކެއް ނިންމާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުގައި ކަމަށެވެ.

ސްވިޒަލޭންޑްގެ ބްރޯޑްކާސްޓަރެއް ކަމަށްވާ "ބްލޫ ސްޕޯޓް" އަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕަކީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ވާންޖެހޭ ކަމަށެވެ. އަދި ހަމައެކަނި ޔޫރަޕާއި ދެކުނު އެމެރިކާގެ ބަދަލުގައި، ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެން ދެކުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފުޓްބޯޅައިގެ ފެންވަރު އަންނަނީ މަތިވަމުން. ކުދި ގައުމުތަކަށް މި ފުރުސަތު ނުދޭނަމަ، އެ ގައުމުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށް އޮންނަ ޝައުގުވެރިކަން ކުޑަވާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކުރުމުން ލިބުނު ކާމިޔާބީން، އިތުރަށް ޓީމުތައް އިތުރުކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.

ވޯލްޑް ކަޕް 64 ޓީމަށް ބޮޑުކުރުމުގެ ހުށަހެޅުމެއް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޯލް) އިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ހުށަހަޅާފައެވެ. ނަމަވެސް، މި ހުށަހެޅުމާ މެދު ބައެއް ފަރާތްތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ޔޫއެފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން މި ހުށަހެޅުމަކީ "ގޯސް ޚިޔާލެއް" ކަމަށް ސިފަކުރެއްވިއިރު، އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވީ މީގެ ސަބަބުން ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮންކަކާފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީނވެސް ވަނީ މި ބަދަލުގެ ސަބަބުން ފުޓްބޯޅައިގެ ނިޒާމަށް ގެއްލުންވެދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރ އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އެމެރިކާއިން ބިޑްކުރެވިދާނެކަމަށާއި، 64 ޓީމާއެކު މުބާރާތް ބޭއްވުމުގެ ގާބިލްކަން އެ ގައުމުގައި އެބަހުރި ކަމަށެވެ.

ފީފާއިން ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 32 އިން 48 އަށް ބަދަލުކުރުމަށް ނިންމީ 2017 ވަނަ އަހަރުއެވެ. ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. އަދި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވަމުން އަންނަތާ 100 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ފުރަތަމަ ތިން މެޗު އާޖެންޓީނާ، އުރުގުއާއީ އަދި ޕެރަގުއާއީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބޮޑު ބަދަލާ މެދު ފަހުގެ ނިންމުން ނިންމާނީ ފީފާ ކައުންސިލުންނެވެ. ނަމަވެސް މިވަގުތަށް ބަލާއިރު، މިފަދަ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450