ދީން

އޯގާވެރިކަން: ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި

އޯގާވެރިކަން: ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި

އޯގާތެރިކަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 05:12

19 ޖުލައި 2026، 05:12

މީހުންނަށް ކަމޭހިތައި އޯގާވެރިވުމުގެ ސިފައަކީ، ތިމާގެ ޠަބީޢަތުގެ މާތްކަމާއި ޝަހުސިއްޔަތުގެ ފުރިހަމަކަން ހާމަކޮށްދޭ އިންސާނީ ވަރަށް މަތިވެރި ސިފައެކެވެ. އަދި މީހެއްގެ ހިތުގައި އެ ސިފައިގެ މާނަތައް އަށަގެންފައިވާނަމަ، އެކަން ދަލީލުކޮށްދެނީ އޭނާގެ އަޚްލާޤުގެ މަތިވެރިކަމުގެ މައްޗަށްކަން ކަށަވަރެވެ. އޯގާވެރިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ އަމަލެއް ނޫނެވެ. އެއީ އިންސާނާގެ ނަފްސުގެ ސާފުކަމާއި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން ހުރި މިންވަރު އަންގައިދޭ މިންގަނޑެކެވެ.

އޯގާވެރިކަމާއި ރަހުމު ކުރުމުގެ މަތިވެރި ސިފަ، އޭގެ އެންމެ ފުރިހަމަގޮތުގައި އުފެދިފައިވާ އިންސާނަކީ، އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّم އެވެ. އެހެންނުވާންވީ ކީއްވެތޯއެވެ؟ މާތްﷲ އެކަލޭގެފާނު ފޮނުއްވީ އެންމެހައި އާލަމްތަކަށް ރަހުމަތެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ވަސްމީރު ސީރަތަކީ މީސްތަކުންނަށް އޯގާތެރިވުމާއި ރަހުމު ކުރުމާއި ދީލަތިވުމާއި ޢަފޫ ކުރުމުގެ އެންމެ ހެޔޮ ނަމޫނާއެވެ.

އެކަލޭގެފާނުގެ ފުރިހަމަ ޝަހުސިއްޔަތުގައި ލައްވާފައިވާ މި މަތިވެރި ސިފައަށް އިޝާރާތް ކުރައްވައި އާލް އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "އެބައިމީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ ﷲ ގެ ޙަޟްރަތުން ލެއްވި ރަހުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލްޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ އެބައިމީހުންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި އެބައިމީހުންނަށް ފާފަ ފުއްސެވުން އެދި ދަންނަވާށެވެ!" މިފަދައިންނެވެ. 

އަދި އެކަލޭގެފާނު ބަޔާންކޮށްދެއްވާފައިވާ ގޮތުގައި މީސްތަކުން ކުރެ ﷲ ގެ ޙަޟްރަތާ އެންމެ ދުރުގައިވާ މީހަކީ ހަރުކަށި ހިތުގެ ވެރިޔާއެވެ.

ބައެއް މީހުން ހީކުރާގޮތުގައި، ތިމާ ރަހުމުކޮށް، އޯގާތެރިވާންޖެހޭނީ ހަމައެކަނި ތިމާ ދަންނަ ރަހުމަތްތެރިންނަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިއީ މިކަން އޮންނަންވީގޮތް ނޫންކަން ބަޔާންކޮށްދެއްވަމުން ކައުއިތުރު ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވަނީ، "ތިޔަބައިމީހުން އޯގާތެރިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވާ ކަމުގައި ނުވެއެވެ." މިފަދައިންނެވެ.

އެހިނދު، އަސްހާބުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ކޮންމެ މީހަކީ ރަހުމު ކުރާ އޯގާތެރިއެކެވެ." އެ ހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

ތިޔަބައިމީހުންގެ މީހަކު ހަމައެކަނި އޭނާ ދަންނަ ރަހުމަތްތެރިޔާއަށް އޯގާތެރިވުން އެއީ އޯގާތެރިވުމެއް ނޫނެވެ. އެހެންނަމަވެސް، އޯގާތެރިވުމަކީ އެންމެންގެ މައްޗަށް އާންމުވާގޮތަށް ރަހުމު ކުރުމެވެ.

މި މޭރުމުން ހުރިހާ މީހުންގެ މައްޗަށް ތިމާގެ އޯގާތެރިކަން އާންމު ކުރުމަށް އިސްލާމްދީން ގޮވާލާފައިވާއިރު، ތިމާގެ އޯގާވެރިކަން ވަކިންބޮޑަށް ދޭންޖެހޭ ފަރާތްތަކެއް ވާކަންވެސް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.

 އޭގެތެރެއިން އެންމެ ފުރަތަމަ ބަޔަކީ، ތިމާގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނެވެ. އެމީހުންނަށް ހެޔޮކޮށް ހިތުމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.

އަނެއްބަޔަކީ، ޔަތީމުންނާއި މިސްކީނުންނެވެ. އެފަދަ މީހުންނަށް އެހީތެރިވެ، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެކެވެ. މީގެ އިތުރުން، ޚާއްޞަ ގޮތެއްގައި އެހެންމީހުންގެ އޯގާތެރިކަމާއި އަޅާލުމާއި ރިޢާޔަތްތެރިކަމަށް ބޭނުން ޖެހިފައިވާ ބަލިމީހުންނާއި، ނުކުޅެދޭ މީހުންނަށް އޯގާތެރިވުމަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތިވެރި އެއް ސިފައެވެ.

އޯގާވެރިކަމަކީ ހަމައެކަނި އިންސާނުންނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދެނީ ދިރޭ ކޮންމެ އެއްޗަކަށް އޯގާތެރިވުމަށެވެ. ޖަނަވާރުންނަށް ކާންބޯންދީ، އެތަކެއްޗަށް އަނިޔާވެރި ނުވުމަކީވެސް އޯގާވެރިކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. މުޖުތަމަޢެއްގައި އޯގާވެރިކަން އާންމުވެއްޖެނަމަ، އެ ތަނެއްގައި ހަސަދަވެރިކަމާއި ނަފުރަތު ފިލައިގޮސް، އެކުވެރިކަމާއި ލޯބި ދެމިއޮންނާނެއެވެ.

އެހެންކަމުން، ކޮންމެ މީހަކީވެސް އަނެކާއަށް އިހުތިރާމްކުރާ، އޯގާވެރި ހިތެއްގެ ވެރިއަކަށް ވުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. އޭރުން އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ އަމާން، އުފާވެރި ތަނަކަށް ވެގެންދާނެކަން ކަށަވަރެވެ.

                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450