ރިޕޯޓް

ގައުމު ބަނގުރޫޓުކޮށްލި "އިގްތިސާދީ މާހިރުން" މިއަދު ތާކިހާ އަޅައިގެން!

ގައުމު ބަނގުރޫޓުކޮށްލި "އިގްތިސާދީ މާހިރުން" މިއަދު ތާކިހާ އަޅައިގެން!

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލު، ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

21 ޖުލައި 2026، 04:28

21 ޖުލައި 2026، 04:28

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން މިއަދު ފެންނަމުންދަނީ ހައިރާންކުރުވަނިވި، އެހެންނަމަވެސް ބޮޑު ޖޯކެއް ފަދަ މަންޒަރެކެވެ. އިއްޔެ ގައުމުގެ އިގްތިސާދީ ފޭރާން ވީދާލައި، ދައުލަތުގެ ޚަޒާނާގެ ފުލަށް ދަންދެން ކަހާލައިގެން ހުސްކޮށް، ގައުމު ބަނގުރޫޓުވުމުގެ މަގަށް ހުށަހެޅި މީހުން މިއަދު ތާކިހާ އަޅައިގެން ނުކުމެ، ގައުމަށް ހެޔޮއެދޭ ކަމަށް ހެދިގެން ދައްކާ ވާހަކަތަކަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޖޯކަކަށް ނޫނީ ނުވާނެއެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ހެދި ބޮޑެތި ގޯސްތަކުން ބޯދަމައިގަނެ، އެ ހުރިހާ ކަމެއްގެ ޒިންމާ މިއަދުގެ ސަރުކާރުގެ ބޮލަށް ޖަހަން އުޅުމަކީ، އެއްވެސް ބުއްދިވެރިއަކު ގަބޫލު ކުރާނެ ވާހަކައެއް ނޫނެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޕްރެސް ކޮންފަރެންސްތައް ބާއްވައި، ގައުމުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރާއިރު، އޭނާގެ އިޚުލާޞްތެރިކަމާމެދު ސުވާލު ނުއުފައްދާނެ މީހަކު މި ދިވެހި ފަސްގަނޑަކު ނެތެވެ. ރާއްޖޭގެ ތާރީޚުގެ ސަފުހާތަކަށް ބަލާލާއިރު، އެމްޑީޕީން ގައުމުގެ އިގްތިސާދު ފުޑުފުޑުކޮށްލި ގޮތް ވަރަށް ސާފެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި 11 ރުފިޔާއަށް ހުރި ޑޮލަރުގެ ރޭޓް 15.42 އަށް އަރުވާލިއެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އެ އަދަދު 16 ރުފިޔާއަށްވުރެ މައްޗަށް ނުގޮސް ހިފެހެއްޓިފައި އޮތް ނަމަވެސް، އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އަރައިގެން ދިޔައެވެ. މިއީ އެ ބޭފުޅުންގެ އިގްތިސާދީ ސިޔާސަތު "ފޭލް" ވެފައި އޮތް މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ފައްޔާޒް އިސްމާއިލު އޭރުގައި ހުންނެވީ އިކޮނޮމިކް މިނިސްޓްރަކަށެވެ. އޭރުގައި ޑޮލަރުގެ ރޭޓް މައްޗަށް އަރައިގެން ދިޔުން ހުއްޓުމަކަށް ނުގެނައީ ކީއްވެގެންތޯއެވެ؟ ފައްޔާޒް އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕް ކުރުމުން ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ ރޭޓް ބޮޑުވީ ކަމަށް މާލީ މާހިރުން ވިދާޅުވެއެވެ. އެކަން ގޯހުން ގޮސްދާނެކަމަށް އޭރުގައި އެމްޑީޕީގެ މަޖިލީސް މެމްބަރުންވެސް ދިޔައީ ވަކާލާތު ކުރަމުންނެވެ. ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެދާނެ ކަމަށް އޭރުވެސް މާލީ މާހިރުން ދިޔައީ އިރުޝާދު ދެއްވަމުންނެވެ. ނަމަވެސް ގައުމުގެ ހާލަތަށް ވުރެން އަމިއްލަ މަންފާ ކުރިއަށް ނެރިގެން ކުރި ކަންކަން މިއަދު އެހެން ބަޔެއްގެ ބޮލުގައި އެޅުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

މިއަދުގެ ސަރުކާރުން މިވަނީ އެމްޑީޕީން އުފެއްދި ބޮޑު ދަރަނިން ގައުމު ސަލާމަތްކޮށްދީ، އިގްތިސާދު ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު، އޭގެ އިންޓްރެސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކައި މިއަދުގެ ސަރުކާރުން މިވަނީ ޚަލާސްކޮށްފައެވެ. ހަމަ އެއާއެކު އެހެން ދަރަނިތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކައި، ރާއްޖޭގެ ތާރީޚުގައިވެސް ބޭރުގެ ދަރަނި ދެއްކުމުގައި ނަމޫނާ ދައްކަވާފައެވެ.

މީގެ ކުރިން ފެނިގެންދިޔައީ ހިތާމަވެރި މަންޒަރެކެވެ. އެމްޑީޕީގެ ސަރުކާރުން ވަނީ ހޮސްޕިޓަލުތަކާއި، ސްކޫލުތަކާއި، އެހެނިހެން ދައުލަތުގެ ރައުސުލްމާލު މޯގޭޖްކޮށް ގިނަ ފައިސާތަކެއް ނަގާފައެވެ. ނަމަވެސް އެ ފައިސާއިން ދިވެހި ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ނެތެވެ. އެ ފައިސާތައް ވަދެގެންދިޔައީ އޭރު ތިބި މީހުންގެ ޖީބަށެވެ. އެ ފައިސާ ވީއެއް ނުވީއެއް ނޭނގި އޮބިގެންދިޔައީ ގައުމުގެ މުސްތަގުބަލު އަނދަވަޅަކަށް ވައްޓާލުމަށްފަހުގައެވެ. ފައްޔާޒު އިސްމާއިލް މިއަދު މި ސަރުކާރަށް ފާޑުވިދާޅުވާއިރު، އޭނާގެ އަމިއްލަ ދުލުން ކުރިން ވިދާޅުވެފައިވަނީ ގައުމު ބަނގުރޫޓުވާނެ ކަމަށެވެ. އެއީ އެ ބޭފުޅުންގެ ސަރުކާރުގައި ހެދިފައި ހުރި ބޮޑެތި ގޯސްތައް އަމިއްލައަށް އިހުސާސް ކުރެވޭތީ ބުނެވުނު "ތެދު" ބަހެކެވެ.

އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގި ގޮތުގެ ހަގީގަތް، އެ ޕާޓީގެ އޭރުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގައި ހާމަކުރައްވާފައެވެ. ސަރުކާރު ތެރޭގައި ހިންގި ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަތައް އެ މަނިކުފާނު ވަނީ އެތައް ފަހަރަކު ތިލަކުރައްވާފައެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ވީދާލައި، ކަނޑުން ބައެއް ވިއްކާލައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެތައް އާއިލާއެއް ރޮއްވާލި ހަނދާންތައް ރައްޔިތުންގެ ހިތްތަކަކުން ފިލައިގެން ނުދެއެވެ. ޚާއްޞަކޮށް ކޯވިޑްގެ ނިކަމެތި ހާލަތުގައި ރައްޔިތުން ވަޒީފާތަކުން ވަކިކޮށް، މަގުމަތިކުރި ބަޔަކު، މިއަދު ވަޒީފާގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދަނީ އެމްޑީޕީން ގައުމަށް ޖެއްސި ބޮޑު މުސީބާތުން ގައުމު ސަލާމަތްކޮށް، އިގްތިސާދު ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްޑީޕީން ސުކޫކު ނެގީ ކުރީގެ ބޮންޑު ދައްކާށޭ ބުނެފައި ނަމަވެސް، އެކަމަށްޓަކައި ސޮވެރިން ފަންޑުގައި ހުރި ޑޮލަރުކޮޅުވެސް އެމްޑީޕީ ސަރުކާރުން ވަނީ ބޭނުންކޮށް ހުސްކޮށްފައެވެ. އެހެންކަމުން، ގައުމު ދަރުވާލި ބަޔަކު މިއަދު ކޮންމެ ސިފައެއްގައި ނުކުތަސް، ދިވެހި ރައްޔިތުން ތިބީ ހޭލައެވެ. އެ ބޭފުޅުންގެ "މޮޅު" ވާހަކަތަކަށް ހެއްލޭނެ އެކަކުވެސް މިއަދަކު ނެތެވެ.

މިއަދު ފެންނަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ގައުމު އާ އުސްމިންތަކަކަށް ގެންދަވާ މަންޒަރެވެ. އަވަދިނެތި ރެއާއި ދުވާލު ކުރައްވާ މިންނެއް މަސައްކަތްޕުޅުން، މަސްވެރިން ކުރައްވާ މަސައްކަތަށް 24 ގަޑިއިރުތެރޭ ފައިސާ ދެއްވުމާއި، ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސެވުމާއި، ގައުމުގެ ޒުވާން ޖީލު އިސްލާހުކޮށް، ހަރުދަނާ، އިސްލާމް ދީނަށް ލޯބިކުރާ، ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެއްދުމަށް ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450