ރިޕޯޓް

އިންޑިއާގެ ސިޔާސީ މަސްރަހު ގުޑުވާލި ޒުވާނުންގެ ހަރަކާތް

އިންޑިއާގެ ސިޔާސީ މަސްރަހު ގުޑުވާލި ޒުވާނުންގެ ހަރަކާތް

އިންޑީއާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2026، 07:38

22 ޖުލައި 2026، 07:38

އިންޑިއާގެ ވެރިރަށް ދިއްލީގެ މައި ސަރަހައްދުތަކާއި ޕާކުތަކުގައި، ފަހުގެ ތާރީޚެއްގައި ނުދެކޭ ފަދަ ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ގައުމީ އިމްތިހާންތަކުގެ ނިޒާމު އިސްލާހުކުރުމަށެވެ. އެ ޒުވާނުން ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ނިޒާމަކީ އެތައް މިލިއަން ކުދިންނެއްގެ ހައްގުތައް ގެއްލި، އިންސާފުވެރި ފުރުސަތުތަކުން އެކުދިން މަހުރޫމްކުރާ ނިޒާމެކެވެ.

މި ހަފްތާގެ ކުރީކޮޅު، މައިގަނޑު ގޮތެއްގައި އައު ޖީލުގެ (ޖެން-ޒީ) ޒުވާނުން ހިމެނޭ މި މުޒާހަރާގެ ބައިވެރިން އެމީހުންގެ ޑިމާންޑްތައް ހިފައިގެން އިންޑިއާގެ ޕާލަމެންޓާ ހަމައަށް ދިއުމަށް މަސައްކަތް ކުރުމުން، ފުލުހުން ވަނީ ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކޮށްފައެވެ. އަދި ފުލުހުން ވަނީ މުގުރި ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހުމަށް ދެކޮޅު ހަދަމުންދާއިރު، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މޯދީގެ ވެރިކަމަށް ވީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް އަންނަނީ ވަރަށް ބޮޑަށް ފިއްތާލަމުންނެވެ.

މުޒާހަރާ އިންތިޒާމުކުރި ޕާޓީގެ އިސްވެރިން މައުލޫމާތު ދޭ ގޮތުގައި، ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ގާތްގަނޑަކަށް 150 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ސަރުކާރުގެ އަމުރަށް އިންޓަނެޓް ކަނޑާލާފައި އޮތުމަށްފަހު، ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމާއެކު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަނެއްކޮޅުން ދިއްލީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 118 ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މުޒާހަރާގެ ބައިވެރިން ހިނގާލުން ފެށުމުގެ ކުރިން، ދިއްލީ ފުލުހުން ވަނީ އެއްވެ އުޅުން މަނާކޮށް، އެއީ ގާނޫނާ ހިލާފު ހަރަކާތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަންގާރަ ދުވަހު، މުޒާހަރާގެ ބައިވެރިން އަނެއްކާވެސް ޖަންތަރް މަންތަރް ސަރަހައްދަށް ޖަމާވިއެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑުން ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އާސާރީ ބިނާއެއް ކަމަށްވާ ޖަންތަރް މަންތަރް ކައިރީގައި އޮންނަ ބޮޑު ޕާކުގައި، މުޒާހަރާގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ވަގުތީ ފޭލިގެތައް އެމީހުން އަލުން ޖެހިއެވެ. މި ތަންތަނަކީ އޭގެ ކުރީ ދުވަހު ފުލުހުން ނުކުމެ ތަޅާލައި ސާފުކޮށްފައިވާ ތަންތަނެވެ.

އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ފެންނަމުންދިޔައީ ސަރުކާރުގެ ނިންމުންތަކަށް ބޯނުލެނބުމުގެ ވަރުގަދަ އަޒުމެކެވެ.

"އަހަރެމެން މިތަނުގައި ތިބޭނީ ފަޚުރުވެރިކަމާއެކު،" ހޯމަ ދުވަހުގެ މުޒާހަރާގައި ބައިވެރިވި ސުދީރު ކުމާރު ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ.

"މި މުޒާހަރާގެ މައިގަނޑު އަސާސަކީ ތައުލީމު،" ކުމާރު އިތުރަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި، ގައުމުގެ ނަން މަޝްހޫރު މެޑިކަލް ސްކޫލަކަށް ވަނުމަށްޓަކައި މުޅި އަހަރު ދުވަހު އޭނާ ތައްޔާރުވި އިމްތިހާނުގެ ޕޭޕަރުތައް ވަނީ ލީކުވެފައެވެ. އޭނާއަށް އެކަން އެނގުނީ އިމްތިހާނަށް ފަހުގައެވެ.

"މުޅި އަހަރު ދުވަހު ތައްޔާރުވުމަށްފަހު، އިމްތިހާނު އޮންނަ އެންމެ މުހިންމު ދުވަހު އެއީ އޮޅުވާލުމެއްކަން އެނގުމުން ކުރެވޭނެ އިހުސާސަކީ ކޮބައި ހެއްޔެވެ؟"

       އޭނާ ކިޔައިދިނެވެ.

އަވަށްޓެރި ހަރިޔާނާ ސްޓޭޓުން ދިއްލީއަށް އައި މުހައްމަދު ތާޖުގެ މޫނުމަތީގައި، ހޯމަ ދުވަހުގެ ހަމަނުޖެހުންތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން ވަރަށް ބޮޑަށް ނޫފައިގެންފައި ހުއްޓެވެ. އޭނާ ބުނި ގޮތުގައި ޕާލަމެންޓާ ދިމާލަށް ކުރިއަށްދިޔަ ހިނގާލުމަކީ ވަރަށް ސުލްހަވެރި ހަރަކާތެކެވެ.

"ނަމަވެސް ކުއްލިއަކަށް ވީގޮތެއް ވެސް ނޭނގުނު، ފުލުހުން މުގުރި ބޭނުންކޮށްގެން އަހަރެމެންގެ ގައިގައި ތަޅަން ފެށީ. ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ވެސް އެމީހުން ބެލުމެއް ނެތި އަނިޔާކުރި."

އިރުއޮއްސުނުއިރު، މުޒާހަރާކުރާ ސަރަހައްދު މީހުންނާއެކު ފުރި ބާރުވެ، ކައިރީގައި ހުރި މަގުތަކަށާއި ގޯޅިތަކަށް މީހުންތައް ވަނީ ފެތުރިފައެވެ.

"މޯދީ ބިރުގަންނަ ކޮންމެ ފަހަރަކު، ފުލުހުން ނެރޭ،" "މިނިވަންކަމަށް" ގޮވާލައި އެންމެން އެއް އަޑަކުން ޝިއާރުތައް އުފުލަމުން ދިޔައެވެ.

ހޯމަ ދުވަހު ޕާލަމެންޓާ ދިމާލަށް ދިޔަ ހިނގާލުމަކީ ފާއިތުވި އަހަރުތަކުގައި ބޮޑުވަޒީރު މޯދީގެ ސަރުކާރާ ދެކޮޅަށް ބޭއްވުނު އެންމެ ބޮޑު އެއް މުޒާހަރާއެވެ. މި ހަރަކާތް އިންތިޒާމުކުރީ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) އިންނެވެ. މިއީ ޒުވާނުން އިސްވެ ތިބެ ހިންގާ ހަރަކާތެކެވެ. ފުރަތަމަ ސަމާސާއަކުން ފެށުނު ކަމަކަށް ވިޔަސް، މިއަދު މިއީ އިންޑިއާގެ އެތައް މިލިއަން ޒުވާނުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހާމަކޮށްދޭ ސިޔާސީ ބާރަކަށް ވަނީ ބަދަލުވެފައެވެ.

ބޮސްޓަން ޔުނިވަރސިޓީން ތައުލީމު ހާސިލުކޮށްފައިވާ އަބީޖީތު ދިޕްކޭ އުފެއްދި މި ޕާޓީ މަގުބޫލުވާން ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅެއްގައި، ގައުމުގެ ވަޒީފާނެތް ޒުވާނުންނަކީ "ކޮކްރޯޗް" (ކުރަތްޕެއް) ފަދަ ބައެއްގެ ގޮތުގައި މާނަކުރެވޭ ފަދަ އިބާރާތެއް ބޭނުންކުރެއްވުމާ ގުޅިގެންނެވެ. ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތް މިންވަރު އިންތިހާއަށް މަތި ގައުމެއްގައި، މިފަދަ ވާހަކަތަކަކީ ޒުވާނުންގެ އިހުސާސްތަކަށް އިހުތިރާމު ކުޑަކުރުން ކަމަށް ގިނަ ބަޔަކު ދެކުނެވެ.

މަޝްހޫރު އަދި ވާދަވެރި މެޑިކަލް ސްކޫލްތަކަށް ވަނުމަށް ބާއްވާ އިމްތިހާންތަކުގެ ޕޭޕަރުތައް ލީކުކޮށްލައި، ވިއްކަމުންދާ ކަމަށް ބުނެ ކުރިއަށްދާ މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި އުޅެނީ ސީ.ޖޭ.ޕީ އެވެ. މި މައްސަލައާ ގުޅިގެން އެތައް މިލިއަން ދަރިވަރުންނަކަށް ވަނީ އިމްތިހާން އަލުން ހަދަން ޖެހިފައެވެ.

އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ޕޭޕަރު ލީކުވުމާއި ޓެކްނިކަލް މައްސަލަތައް ކުރިމަތިވުމަކީ ޒަމާނުއްސުރެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭއިރު، ދަރިންގެ މުސްތަގުބަލަށްޓަކައި އެމީހުންގެ މުޅި މިލްކިއްޔާތު ހޭދަކުރާ އާއިލާތަކަށް މިއީ މާލީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ހަރަކާތަށް ތާއީދުކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުރި އިންޑިއާގެ މަޝްހޫރު އެކްޓިވިސްޓް، ސޯނަމް ވަންގްޗުކް، މުޒާހަރާކުރާ ސަރަހައްދުން ގަދަކަމުން ނެރެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން، ހަފްތާ ބަންދުގައި އާންމުންގެ ރުޅި އިތުރަށް ގަދަވިއެވެ. މުޒާހަރާގެ ބައިވެރިން އޭނާ ގެންދިޔަނުދީ ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ ފޮތިގަނޑުތަކެއް ބޭނުންކޮށްގެން މަންޒަރު ފޮރުވުމަށްފަހު ވަންގްޗުކް އެ ސަރަހައްދުން އުފުލާލައިގެން ގެންގޮސްފައެވެ.

ފާޑުކިޔުންތަކަށް ވަރަށް މަދުން ނޫނީ ރައްދު ނުދެއްވާ ބޮޑުވަޒީރު މޯދީ، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ. ނަމަވެސް، އަންގާރަ ދުވަހު ޕާލަމެންޓަރީ އެފެއާޒް މިނިސްޓަރު މެދުވެރިކުރައްވައި މޯދީ ވަނީ މެސެޖެއް ދެއްވާފައެވެ. އެ މިނިސްޓަރު ނޫސްވެރިންނަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިމްތިހާނު ޕޭޕަރުތައް ލީކުވިޔަ ނުދިނުމަށް އިންޑިއާގެ ލީޑަރު ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.

ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން ވެސް ހޯމަ ދުވަހުގެ މުޒާހަރާތަކާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ މަހު އިންޑިއާގެ އެން.ޑީ.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ ސީ.ޖޭ.ޕީ އަކީ "ޓެރަރިސްޓް ޖަމާއަތްތަކުގެ ބީ-ޓީމް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިންޑިއާގެ މައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ބޮޑުވަޒީރު މޯދީގެ އިސްތިއުފާއަށް ގޮވާލައްވައި އެމަނިކުފާނުގެ ރަސްމީ ގެކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން މުޒާހަރާ ކުރެއްވުމާ ގުޅިގެން، އަންގާރަ ދުވަހު ވަނީ ކުޑަވަގުތުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިންގެ އަޒުމް ވަރުގަދަވަމުންދާ ކަމަށް ފެންނައިރު، އެމީހުން ބުނަމުންދަނީ ޑިމާންޑްތައް ފުރިހަމަވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ބައެއް ބައިވެރިން ގަބޫލުކުރާ ގޮތުގައި މިހާރު ހަމައެކަނި ތައުލީމީ ވަޒީރު ބަދަލުކުރުމާއި އިމްތިހާނު ނިޒާމު އިސްލާހުކުރުމުން އެކަނި ނުފުދެއެވެ. އެމީހުން މިހާރު ބޭނުންވަނީ، ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ބީ.ޖޭ.ޕީގެ ވަރުގަދަ ވެރިކަމެއް ދަމަހައްޓަވާފައިވާ ބޮޑުވަޒީރު މޯދީ ވެސް މަގާމުން ދުރަށް ދިއުމަށެވެ.


                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450