ޚަބަރު
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ބައި މިއަދު ހުޅުވާލަނީ
ބޮޑުތަކުރުފާނު މަގު. ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ބައި މިއަދު ހުޅުވާލާނެ ކަމަށް، މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ނެރުއްވި ނޫސްބަޔާނެއްގައި މިކަން ހާމަކުރައްވާ ވިދާޅުވީ، ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާއި ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން އެމްއެމްއޭ އާއި ހަމައަށް، ހަތަރު ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު، 24 ޖުލައި 2026 ވަނަ ދުވަހުގެ ހަވީރު އާއްމުނަށް ހުޅުވާލާނެކަމަށެވެ.
އެ ސަރަހައްދު ހުޅުވާލި ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އެގޮތުން، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ. އެ ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓިފައި ހުންނާނެއެވެ.
ބޮޑުތަކުރުފާނު މަގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ބުރާސްފަތި ދުވަހު ވަނީ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތާއެކު، އެ ސަރަހައްދުގައި މިހާރު ޖުމްލަ 3100 އަށް ވުރެ ގިނަ ގަސް އިންދާފައިވާކަން އެމްޓީސީސީއިން ހާމަކުރެއެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ، ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކާ، ހަތަރު ލޭނަށް މަގު ފުޅާ ވެސް ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރެވިގެންދާނެއެވެ.