ކުޅިވަރު

ބްރެސްޓްސްޓްރޯކް އާއި ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑުތައް ލޫޠު އާއި އާން އައުކޮށްފި

ބްރެސްޓްސްޓްރޯކް އާއި ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑުތައް ލޫޠު އާއި އާން އައުކޮށްފި

ލޫޠު އާއި އާން / ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2026، 09:17

25 ޖުލައި 2026، 09:17

ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ ލޫޠު މުހައްމަދު ހުސައިން އާއި އާން ހުސައިން، ފިރިހެނުންގެ ދެ އިވެންޓަކުން ޤައުމީ ރެކޯޑުތައް އައުކޮށްފިއެވެ.

މި މުބާރާތުގައި ވާދަކޮށް ލޫޠު މުހައްމަދު ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް އައުކޮށްފައެވެ. ލޫޠު މި ރިކޯޑް އައުކުރީ 01:10:63 އިން ރޭސް ނިންމައިގެންނެވެ. މިއީ ކުރިންވެސް ލޫޠުގެ އަތުގައި އޮތް ރެކޯޑެކެވެ. އޭނާ ކުރިން މި ރެކޯޑް ހަދާފައިވަނީ މިދިޔަ އަހަރު ރޮމޭނިޔާގައި ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެންޕިއަންޝިޕުގައި 01:10:95 އިން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން، އާން ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް އައުކޮށްފައެވެ. އާން މި ރެކޯޑް އައުކުރީ 29.18 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ރެކޯޑް އެންމެ ފަހުންވެސް އައުކޮށްފައިވަނީ އާން އެވެ. އެއީ މި އަހަރު ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެންޕިއަންޝިޕުގައި 29.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކޮމަންވެލްތު ގޭމްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ދެ ފެތުންތެރިން މި ހޯދި ކާމިޔާބީއަކީ ދިވެހި ފެތުންތެރިންގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ. މި ދެ ފެތުންތެރިންވެސް މިވަނީ އެ ކުޅުންތެރިން ކުރިން ހަދާފައިވާ ރެކޯޑުތަކަށްވުރެ ރަނގަޅު ވަގުތެއްގައި ރޭސް ނިންމައި، ޤައުމީ ފެންވަރުގައި ކުރިއެރުން ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450