ޚަބަރު
މިނިވަންކަން ލިބިފައި މިވަނީ މާޒީގައި ކާބަފައިން ކުރެއްވި ޤުރުބާނީތަކެއްގެ ސަބަބުން: ފަސްޓް ލޭޑީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖެއަށް މިނިވަންކަމުގެ މަތިވެރި ނިއުމަތް ލިބިފައި މިވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ މިގޮތަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 61 ވަނަ ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ސީޝަލް މީޑިޔާގައި ކުރެއްވި ހާއްސަ މެސެޖެއްގައެވެ.
މި މެސެޖުގައި އެކަމަނާވަނީ، މި އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި މިއީ ކާބަފައިންގެ ޤުރުބާނީތަކުގެ ސަބަބުން ފާހަގަކުރެވޭ ދުވަހަކަށްވުމާއެކު، އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށް ޓަކައި އެ ކާބަފައިންވެލެއްވި ޤުރުބާނީގެ ހަގީގަތްތައް ދިވެހި ދަރިންގެ ހިތްތަކަށް ވާސިލުކޮށްދިނުން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ވަނީ، ރާއްޖޭގައި މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް، ދިވެހި ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމުގެ، މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ހިތްތަކުގައި ޤައުމީ ލޯބީގެ ފަޚުރާއި ޝަރަފު އުތުރި އަރަމުންދާ، އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
— First Lady Sajidha Mohamed (@sajidhaamohamed) July 26, 2026
މިނިވަންކަމުގެ މަތިވެރި ނިއުމަތް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މާޒީގައި ކާބަފައިން… pic.twitter.com/22RaTZLhqU
އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންގޮސްފައިވަނީ، 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން ރާއްޖެއަށް މިނިވަންކަން ލިބިފައިވާތާ މިހާރު މިވަނީ 61 އަހަރުވެފައެވެ.
ކޮންމެ އަހަރަކު ވެސް ކުލަގަދަ ގޮތެއްގައި މިނިވަން ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހިގުޅުމެއް އޮތުން މުހިންމުކަން ފާހަގަކުރައްވާފައެވެ.