ޚަބަރު
އަމާން މުޖުތަމައެއް ބިނާކުރުމުގައި ފުލުހުން ދެމިތިބޭނެ: ސީޕީ އަޙްމަދު
ސީޕީ އަހުމަދު. ފޮޓޯ: ފުލުހުން
މިނިވަންކަން ރައްކާތެރިކޮށް، އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދު މިނިވަންކަން ފާހަގަކުރެވެނީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާއެއްގެ ގޮތުންކަން ސީޕީ އަޙްމަދު ފާހަގަކުރެއްވިއެވެ. އަދި މި މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް، އާންމުންގެ ފަރާތުންދެއްވާ އެއްބާރުލުމަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެއިތުރުން، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ނުހަނު މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން ސުލްހަވެރި އަދި އަމާން ވެއްޓެއް ގާއިމުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވަނީ، 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، އަދި ފުލުހުންނާއި ސިފައިންގެ އާއިލާތަކަށް ފޮނުއްވާފައެވެ.
އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ، 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ރާއްޖޭގައި މިނިވަން ދުވަސް ފާހަގަކުރެވެމުންދެއެވެ.