ޚަބަރު
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އަހުލުވެރިވުމުގެ ހަރަކާތެއް ދިއްދޫގައި
މި ހަރަކާތުގެ ތެރެއިން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، ހއ. ދިއްދޫގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
25 ޖުލައި 2026 ގައި ކުރިއަށްދިޔަ މި ހަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް އަދި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް ސަރުކާރުން ފައްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެގޮތުން، މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ދީފައިވަނީ، ގަސް އިންދާނެ ރަނގަޅު ގޮތްތަކާއި، އިންދާ ގަސްތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތެވެ.
މި ހަރަކާތުގައި ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެ ބައިވެރިންނަށް މި ހަރަކާތުގެ ތެރެއިން ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި، މި މަޝްރޫޢުގެ ސަބަބުން ރަށުގެ މާޙައުލަށް އަންނާނެ ހެޔޮ ބަދަލުތަކާ ގުޅޭގޮތުން ކަމާބެހޭ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ހއ. ދިއްދޫގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، ގަސް އިންދުމާއި، ބެލެހެއްޓުމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޚާއްޞަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. pic.twitter.com/rscuBPjBG1
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 25, 2026
މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފެހި މާޙައުލެއް ގާއިމުކޮށްދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ހިންގަވާ މަޝްރޫއެކެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ހިންގާ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު، މަޝްރޫއުގެ ދަށުން ވަރަށް އެކި ރަށްރަށުގައި ގަސްއިންދުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައި ވެސްވެއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުން ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން މިހާރުވަނީ 1.6 މިލިއަނަށްވުރެ ގިނަ ގަސްއިންދާފައެވެ. އަދި މި ހަރަކާތަށް ބަންގްލަދޭޝްއިން ވަނީ ރާއްޖެއަށް މިދިޔަ އާދިއްތަ ދުވަހު 20،000 ގަސް ހަދިޔާކޮށްފައެވެ.
ދިއްދޫގައި ބޭއްވުނު މި ހަރަކާތަކީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މަގްސަދު ހާސިލުކުރުމަށް ޓަކައި، ރައްޔިތުންގެ އެއްބާރުލުން ހޯދުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.