ކުޅިވަރު

ފެތުމުގެ ގައުމީ ރެކޯޑުތަކެއް ތަޒްކިޔާ އާއި ލޫތު އައުކޮށްފި

ފެތުމުގެ ގައުމީ ރެކޯޑުތަކެއް ތަޒްކިޔާ އާއި ލޫތު އައުކޮށްފި

ތަޒްކިޔާ އާއި ލޫތު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2026، 01:17

27 ޖުލައި 2026، 01:17

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި، ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދު އާއި ލޫތު މުހައްމަދު ހުސެއިން ފެތުމުގެ އިތުރު ގައުމީ ރެކޯޑުތަކެއް އައުކޮށްފިއެވެ.

މި ދެ ފެތުންތެރިން ރެކޯޑުތައް އައުކޮށްފައިވަނީ މުބާރާތުގެ ތިންވަނަ ދުވަހު އޮތް އިވެންޓުތަކުގައެވެ. ތަޒްކިޔާ އައުކޮށްފައި ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މި ރެކޯޑު އައުކުރީ 01:02.74 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާއެވެ. އެއީ 2025 ވަނަ އަހަރު ބެންކޮކްގައި ކުރިއަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕްގައި 01:03.67 އިން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ލޫތު މުހައްމަދު ހުސައިން އައުކުރީ 00:31.54 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑުވެސް އެންމެ ފަހުން އާކޮށްފައިވަނީ ލޫތުއެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިއާގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކަސް ޖޫނިއަރ ސްވިމިންގް ޗެމްޕިއަންޝިޕްސްގައި 00:31.81 އިން އިވެންޓު ނިންމައިގެންނެވެ.

މި ދެ ރެކޯޑާއެކު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން މިވަނީ ޖުމްލަ ހަ ގައުމީ ރެކޯޑެއް އައުކޮށްފައެވެ.

މީގެ ކުރިން މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން އައުކޮށްފައިވާ ރެކޯޑުތަކަށް ބަލާއިރު، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުން މެރާލް އައިން ލަތީފް ހެދި ރެކޯޑާއި، ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓުން މިކްސް ރިލޭ ޓީމުން ހެދި ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން އާން އައުކުރި ރެކޯޑާއި، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުން ލޫތު ކުރިން އައުކުރި ގައުމީ ރެކޯޑުވެސް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450