ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ދިއްދޫގައި ގަސް އިންދައިފި
މި ހަރަކާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ހއ. ދިއްދޫގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ދިއްދޫގެ އެންޖީއޯ އެއްކަމަށްވާ "ކުރިމަގު" ޖަމިއްޔާއާއި، އެ ރަށު ކައުންސިލުގެ އިތުރުން، ކަމާގުޅޭ އެހެނިހެން ފަރާތްތަކާއި ގުޅިގެންނެވެ. އެ ގޮތުން، ދިރާގުން މިހަރަކާތުގައި ބައިވެރިވެފައެވެ. އަދި މީގެ އިތުރުން، އެ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޖަމިއްޔާގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ފެހިކަން އިތުރުކުރުމުގެ މަގްސަދުގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވާއިރު، އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ގަސް އިންދާފައިވެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން، ހއ. ދިއްދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ.
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 27, 2026
މި ހަރަކާތަކީ މިނިސްޓްރީއާއި، ދިއްދޫ ކުރިމަގު ޖަމިއްޔާ، ކައުންސިލް އިދާރާ އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. pic.twitter.com/X40nPhuBOS
ދިރާގުން ވަނީ މި ހަރަކާތުގެ ތެރެއިން މޭވާ އަޅާ 400 ގަސް ހަދިޔާކޮށް، ރަށުގެ އެކި ގެތަކަށް އެ ގަސްތައް ބަހާފައެވެ. އެ ކުންފުނިން މި ހަރަކާތުގައި ބައިވެރިވެފައިވަނީ، ރަށުގެ ފެހިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށް ތަރައްގީކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.
މިހަރަކާތް ބޭއްވުމުގެ ކުރިން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، މި މަހުގެ 25 ވަނަ ދުވަހު އެ ރަށުގައި ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގެ ތެރެއިން ވަނީ، ގަސް އިންދާނެ ރަނގަޅު ގޮތްތަކާއި، އިންދާ ގަސްތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށްފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިފްތިތާހުކުރެވުމަށްފަހު މިހާރު ވަނި، 1.6 މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.