ކުޅިވަރު

ދޮގު ވާހަކަ ނުފަތުރައި އަޅުކަން ކުރުމާއި މެޗު ބެލުން ފަދަ ކަންކަމުގައި މަސްއޫލުވުމަށް އިންފެންޓީނޯ ބުނެފި

ދޮގު ވާހަކަ ނުފަތުރައި އަޅުކަން ކުރުމާއި މެޗު ބެލުން ފަދަ ކަންކަމުގައި މަސްއޫލުވުމަށް އިންފެންޓީނޯ ބުނެފި

ވޯލްޑް ކަޕްގެ ތައްޓާއެކު އެމެރިކާގެ ރައީސް އާއި ފީފާގެ ރައީސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2026، 04:09

27 ޖުލައި 2026، 04:09

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ، އޭނާގެ ލީޑަޝިޕާ މެދު ދޮގު ވާހަކަތަކާއި ނަފުރަތު ފަތުރާ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އިންފެންޓީނޯ ވަނީ ނަފުރަތު ފެތުރުމުގެ ބަދަލުގައި، މެޑިޓޭޓް ކުރުމާއި، އަޅުކަން ކުރުން ނުވަތަ ފުޓްބޯޅަ މެޗެއް ބަލައިގެން އުފާ ހޯދުމަށް ފާޑުކިޔާ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

އިންފެންޓީނޯގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަލަމާއި ކަރުދާހާއި ސްކްރީންތަކުގެ ފަހަތުގައި ތިބެގެން ބައެއް ފަރާތްތަކުން ނަފުރަތުގެ އޮތް އިންދުމުގައި މަޝްޣޫލުވެގެން ތިއްބާ، ފީފާއިން ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އީދު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސައްތައިންސައްތަ އަމާން އަދި އުފާވެރިކަން ފެނިގެންދިޔަ މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި މުބާރާތުގައި އީރާނުން ބައިވެރިވުމަކީ ފީފާއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިންފެންޓީނޯ ފާހަގަކުރެއްވިއެވެ. އެމެރިކާއާއެކު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންވެސް، ހަނގުރާމައިގެ ހާލަތުގައި އޮތް ދެ ގައުމު އެކުވެރިކުރުވުމަށް ފީފާއިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، އީރާން ޓީމު އެމެރިކާއަށް އެތެރެވީ އެއްވެސް ހާދިސާއެއް ހިނގުމަކާ ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އިންފެންޓީނޯގެ މި ވާހަކަތަކާ އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ ދެކޮޅު ހައްދަވާފައެވެ. ކޯޗު ވިދާޅުވި ގޮތުގައި އީރާން ޓީމަކީ މުޅި މުބާރާތުގައިވެސް އެންމެ ބޮޑަށް އިހުމާލުވެ، އަނިޔާ ލިބުނު ޓީމެވެ. ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވުމާއި، ބައެއް އޮފިޝަލުންނަށް އެމެރިކާއަށް އެތެރެނުވެވުމުގެ އިތުރުން، ލޮޖިސްޓިކް މައްސަލަތަކާ ހުރެ ޓީމުގެ ޕްރެކްޓިސް ކޭމްޕް މެކްސިކޯއަށް ބަދަލުކުރަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހެއިޓީ، ސެނެގާލް އަދި އައިވަރީ ކޯސްޓް ފަދަ ގައުމުތަކުގެ ސަޕޯޓަރުންނަށް ޓްރަމްޕްގެ ސަރުކާރުން އެޅި ދަތުރުފަތުރުގެ ހުރަސްތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވިއެވެ. އަދި ސޯމާލިއާގެ ރެފްރީ އުމަރު އާޓަންގެ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިންފެންޓީނޯ ވިދާޅުވީ، ވިސާ ނުލިބުނު މަދު ބައެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިސާ ލިބިގެން މުބާރާތަށް އައި މިލިއަނުން ގުނާލެވޭ މީހުންނަށް ބަލާލުން މާ ބުއްދިވެރި ކަމަށެވެ. އެހެންކަމުން ފުޓްބޯޅައަކީ ދުނިޔެ އެކުވެރިކޮށްދޭ އެއްޗެއްކަން މި މުބާރާތުން ސާބިތުވެގެން ދިޔަކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

އިންފެންޓީނޯގެ މެސެޖު ނިންމާލަމުން ވިދާޅުވީ، ނަފުރަތާއި ފާޑުކިޔުމުގައި ވަގުތު ހޭދަކުރާ މީހުންނަށް ދޭން އޮތް ނަސޭހަތަކީ، އިންސާނިއްޔަތުކަން އިސްކޮށް، އެންމެން އެކަތިގަނޑަކަށް ވެގެން އުފާފާޅުކުރާ މަންޒަރު ބަލައި، އެއިން ފިލާވަޅު ލިބިގަތުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450