ޚަބަރު
ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ގޮތުން މީހުން ވައްދަން ފެށީ ރައީސް ޞާލިޙު: މެންބަރު ޠާރިޤް
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް. ފޮޓޯ: މަޖިލިސް
ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ގޮތުން މީހުން ވައްދަން ފެށީ އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކަމަށް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
މަހިބަދޫ ދާއިރާގެ މެންބަރު މިގޮތަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒިފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށައަޅުއްވާފައިވާ ގަރާރަށް ވާހަކަދައްކަވަމުންނެވެ.
މި ގަރާރަށް ވާހަކަދައްކަވަމުން މެންބަރު ވަނީ ރާއްޖޭގައި ގާނޫނު އަސާސީ ތަސްދީގުވެގެން ދިޔަފަހުން، ފެނަކަ، ސްޓެލްކޯ އަދި އާރްޑީސީ ފަދަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއަށް ވަޒީފާތައް އިތުރުކޮށް، އެއީ ސިޔާސީ ބެނުމަކަށް ޓަކައި އުފެދިގެންދާ ވަޒީފާތަކެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކަމަށެވެ.
އަދި އަބްދުﷲ ޔާމީނާއި ، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި މިފަދަ ވަޒީފާތައް އެކުލަވާލެވިފައި ނުވާކަން މެންބަރު ވަނީ ފާހަގަކުރައްވަފައެވެ.
ހަމައެކަނި ކުންފުންޏަށް ބޭނުންނުވާ ވަޒީފާތަކެއް އުފެއްދެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވިއެވެ.
އޭރު ވެސް މަޖިލީހުގައި އެކަމާއި ގުޅިގެން ވާހަކަދައްކަވާފައިވާނޭ ކަމަށާއި، ފެނަކަ ފަދަ ކުންފުނިތަކަށް ބޭނުންނުވާވަރަށް މުވައްޒަފުން ނުވެއްދުމަށް އެދިފައިވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ރައީސް ޞާލިޙުގެ އިންޓަވިޔުއަކަށް އިޝާރާތްކުރައްވާ، މެންބަރުވަނީ އޭރުގެ ސަރުކާރުގެ ވިސްނުންހުރިގޮތް ފާހަގަކުރައްވާފައެވެ.
އެގޮތުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެތައް ބަޔަކަށް ފެނަކައިން ވަޒީފާ ދީފައިވާތީ، މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ސަބަބުން ގެއްލުންވެގެންދާކަން އެއިންޓާވިޔުގައި ފާހަގަކުރެއްވުމުން، ކުރީގެ ރައީސް ވަނީ، އެ މީހުނަށް އުޖޫރަ ނުވަތަ ފައިސާ ލިބޭ ނަމަ ވޯޓުދޭނެކަމަށް ވިދާޅުވެފައި ކަމަށް، މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ރައީސް ޞާލިޙުގެ ވިސްނުންފުޅުގައިހުރީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ވަޒީފާ ދިނުމުން އެ މީހުންގެ ވޯޓު އެމަނިކުފާނަށް ލިބޭނެކަމަށެވެ. އަދި 56 އިންސައްތައިގެ ނަތީޖާއަކުން ވެރިކަން ލިބޭނެކަމަށް ކުރީގެ ރައީސްގެ ވިސްނުންފުޅުގައި ހުރިކަމަށް މެންބަރު ވިދާޅުވިއެވެ.
އެހެންކަމުން، ރައީސް ޞާލިޙު ސަރުކާރުގެ ކުންފުނިތަކަށް ބޭނުންނުވާ އަދަދަށް މީހުން އިތުރުކޮށްފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްކަމަށް މެންބަރު ވިދާޅުވިއެވެ.