ކުޅިވަރު
ކޮމޮންވެލްތު ގޭމްސްގައި ގައުމީ ދެ ރެކޯޑެއް ތަޒްކިޔާ އައުކޮށްފި
އިންޑިވިޖުއަލް ގައުމީ ދެ ރެކޯޑެއް އައުކުރި ތަޒްކިޔާ---
ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި، ރާއްޖޭގެ އުންމީދީ ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުޞާދު ގައުމީ ދެ ރެކޯޑެއް އައުކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ތަޒްކިޔާ އައުކުރި ފުރަތަމަ ރެކޯޑަކީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މި ރެކޯޑު އައުކުރީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މިޑްލޭ ރިލޭ އިވެންޓުގެ ފުރަތަމަ 100 މީޓަރު 01:11.26 އިން ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އޮތީ ތަޒްކިޔާ އަތުގައެވެ. އެއީ 2025 ވަނަ އަހަރު ސިންގަޕޫރުގައި އޮތް 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 01:13.49 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން، އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުން ވެސް ތަޒްކިޔާ ވަނީ އައު ރެކޯޑެއް ގާއިމުކޮށްފައެވެ. ގްލާސްގޯގައި ކުރިއަށްދިޔަ މި އިވެންޓު އޭނާ ފުރިހަމަކުރީ 00:27.99 އިންނެވެ. މިއީ 2026 ވަނަ އަހަރު ބެންކޮކްގައި ބޭއްވި އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕްގައި 00:28.49 އިން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑަށް ވުރެ ކުރިއެރުމެކެވެ.
ކޮމޮންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން އަންނަނީ ގިނަ ގައުމީ ރެކޯޑުތަކެއް އައުކުރަމުންނެވެ. މިއީ ރާއްޖޭގެ ފެތުންތެރިން ކުރިއަރަމުން އަންނަކަމުގެ ހެއްކެކެވެ.