ޚަބަރު
ވަކިވާން އެދުނު މުވައްޒަފުންނަށް ފެނަކައިން 4 މަހުގެ މުސާރަ ދީފި
ފެނަކަ. ފޮޓޯ: ގާފު މީޑިޔާ
ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެ ކުންފުނިން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ، ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލީ، މުވައްޒަފުން ޝަރަފުވެރިކަމާއެކު އަދި އިނާޔަތަކާއި ވެސް އެކު ވަކިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގްސަދުގަކަން ހާމަކުރައްވާފައެވެ.
އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ޓަކައި ކުންފުނި ރައިޓްސައިޒް ކުރުމުގެ ގޮތުން ރިޑަންޑަންސީ އުސޫލެއް ވަނީ އެކުލަވާލާފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި މި އުސޫލުގެ ދަށުން އިނާޔަތާއެކު އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުސަތު، ޖޫން މަހުގެ 2 ވަނަ ދުވަހު އިންޓާނަލް މެމޯ އެއް މެދުވެރިކޮށްވަނީ ހުޅުވާލާފައި ކަމަށް ފެނަކައިން ބުނެއެވެ.
އަދި އެގޮތަށް ވަކިވާން އެދޭ މުވައްޒަފުން ވަކިކުރުމާއި، އިނާޔަތްތައް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތަކުގެ ތަފްސީލު، 4 ޖޫން 2026 ގައި މުވައްޒަފުންނާއި ހިއްސާކޮށްފައިވާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި މި އުސޫލުގެ ދަށުން، 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ލިޔުމުން ހުށަހަޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަން ބަޔާންކޮށްފައިވާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.
އެގޮތުން 4 މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްބަސްވުންތަކާ އެއްގޮތަށް އެ މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވަކަމަށް ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފެނަކައިން ވަނީ، މިކަމާއި ގުޅިގެން ފެނަކައިން މުވައްޒާފުންނަށް އޮޅުވާލާފައިވާކަން ދޭހަވާގޮތަށް ބައެއް މީޑިޔާތަކުންނާއި، އާއްމު ފަރާތްތަކުން މީޑިޔާގެ މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުން ގެންދަނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އަދި އެ ކުންފުނިން އެކަށައަޅާ އުސޫލުތަކާއި ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާގޮތަށް އަމަލު ނުކުރާނެކަމުގެ ޔަޤީކަން ފެނަކައިންދެއެވެ.
އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 މުވައްޒަފަކު އެދިފައިވާކަން ފެނަކައިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.