ކުޅިވަރު
ކޮމޮންވެލްތު ގޭމްސްގައި ރިހާން ވެސް އިންޑިވިޖުއަލް ގައުމީ ދެ ރެކޯޑެއް އައުކޮށްފި
ދިވެހި ފެތުންތެރިޔާ މުޙައްމަދު ރިޙާން ޝިހާމް---
ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި، ދިވެހި ފެތުންތެރިޔާ މުޙައްމަދު ރިޙާން ޝިހާމް ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފިއެވެ.
ރިޙާން މި ރެކޯޑް އާކުރީ 05:09.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މީގެ ކުރިންވެސް ރިޙާން އަތުގައި އޮތް ރެކޯޑެކެވެ. އެންމެ ފަހުން މި ރެކޯޑް އޭނާ އާކޮށްފައިވަނީ މިދިޔަ މަހު ބަޚްރައިންގައި ބޭއްވުނު ބަޚްރައިން ކަޕް 2026 ގައެވެ. އެ މުބާރާތުގައި އޭނާ ރޭސް ނިންމާފައިވަނީ 05:11.03 އިންނެވެ.
މި މުބާރާތުގައި ރިޙާން ވަނީ އިތުރު ރެކޯޑެއްވެސް އާކޮށްފައެވެ. އެއީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑެވެ. މި ރެކޯޑް އޭނާ އާކުރީ 02:23.94 އިން ރޭސް ނިންމައިގެންނެވެ. 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ކުރީގެ ރެކޯޑަކީވެސް ރިޙާންގެ ރެކޯޑެކެވެ. އެއީ 2025 ވަނަ އަހަރު ބޭއްވުނު 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02:25.20 އިން ރޭސް ނިންމައިގެން އޭނާ ގާއިމުކުރި ރެކޯޑެވެ.
މި މުބާރާތުގައި ލޯންގކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑު އައުކުރި ޓީމުގައި ވެސް ރިހާން ހިމެނެއެވެ. ދިވެހި ޓީމު މި ރެކޯރޑް އާކޮށްފައިވަނީ 04:31.16 އިން ރޭސް ނިންމައިގެންނެވެ. މި ރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ރިހާންގެ އިތުރުން ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, ލޫޠު މުޙައްމަދު ހުސައިން އަދި މިރާލް ޢައިން ލަތީފްއެވެ.