ޚަބަރު
ސައުދީގެ އުޅަނދަކަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޚާރިޖީ ވުޒާރާ---
ރަތް ކަނޑުގައި ދަތުރުކުރަމުން ދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޡީން ދިން ހަމަލާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން އާއްމު ކުރެއްވި ބަޔާނެއްގައި މިކަން ކުށްވެރިކުރައްވާ ވަނީ، މިއީ ބައިނަލްއަޤަވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކޮށްފައެވެ. އަދި މިއީ ބައިނަލްއަގްވާމީ މައިދާނަށް ހަކަތަ ފޯރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ ރަތް ކަނޑާއި، ބާބުލް މަންދަބުގެ ސަރަހައްދީ ހަމަޖެހުން ނަގާލުމުގެ ގޮތުން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްކަން ރާއްޖެއިން ފާހަގަކުރެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އާއި 2722 އާއި އެއްގޮތަށް އަމަލުކުރުމަށް އަދި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި އެނޫން ވެސް އެހެނިހެން ބައިނަލްއަގްވާމީ ގާނޫނޫތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ މި ބަޔާނުގައި ގޮވާލާފައެވެ.
އަދި ހަމައެއާއިއެކު، ރާއްޖެއިން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއިއެކު ތިބިކަމުގެ ޔަގީންކަން ވެސް ދީފައެވެ. މީގެ އިތުރުން ދިވަހި ސަރުކާރުން ވަނީ، އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ތާއީދުކުރާކަމުގެ ޔަގީންކަން ވެސް ދީފައެވެ.
ދިވެހި ސަރުކާރުން އަންނަނީ، މި ފަދަ ހާލަތްތަކުގައި އަބަދުވެސް ސައުދީ ސަރުކާރާއިއެކުގައި ވާކަން ހާމަކުރައްވަމުންނެވެ. މިއީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުން ދައްކުވައިދޭ ކަމެކެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ޔަމަނުގެ ހޫޘީ ޖަމާއަތުން ވަނީ، ބެލިސްޓިކް މިސައިލު ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އަދި މިއީ ސައުދީގެ އުޅަނދުފަހަރުތައް ރަތް ކަނޑުން ދަތުރުކުރުން މަނާކޮށް ބްލޮކޭޑެއް އިއުލާނުކޮށްފައިއޮތް ދަނޑިވަޅެއްގައި، އެއާއި ޚިލާފުވުމުގެ ސަބަބުން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ.