ޚަބަރު
ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް، އަންގާރަ ދުވަހު ހުޅުމާލޭ ރަށު މާރުކޭޓުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި އެ އޮޕަރޭޝަންގައި 55 ބިދޭސީއަކު ބަލައިފާސްކޮށް، އިމިގްރޭޝަނުގެ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 20 މީހަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާރު ވަނީ ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ ފޮޓޯ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެ މީހާގެ ވަނަވަރު ދެނެގަނެވޭނޭ ގޮތް ހެދުމަށް ހިންގާ ހަރަކާތެކެވެ.
The Task Force conducted a raid at Hulhumalé Rashu Market yesterday, targeting illegally working expatriates.
— Maldives Immigration (@ImmigrationMV) July 29, 2026
A total of 55 expatriates were inspected, and 20 expatriates found in violation of immigration regulations were detained.@PoliceMv @HomeMinistrymv pic.twitter.com/6gAs8Pp6AN
އަދި ބިދޭސީން ގިނައިން އުޅޭކަމަށް ބެލެވޭ ސަރަހައްދުތަކުގައި އިމިގްރޭޝަނުން އަންނަނީ އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން، 11 ޖުލައި 2026 ގައި ތިލަފުށީގައި ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން 836 ބިދޭސީން ބަލައިފާސްކޮށް، 32 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ވެސް، ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ޕްރޮގްރާމު ވެސް ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ، އެމީހުނަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ރާއްޖޭގައި އުޅެނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތައްތޯ ބެލުމުގެ މަގްސަދުގައި އުފެއްދި ޕްރޮގްރާމެކެވެ. އަދި މި މަސައްކަތުގެ ތެރެއިން، ގްރޭޓަރ މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ޕެޓްރޯލުކުރުމަށާއި، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި ބަލާފާސްކުރުމުގެ ކަންތައްތައް ބާއްވާގޮތަށް އޮތީ ހަމަޖެހިފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން މިފަދަ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެމީހެއްގެ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާނުކުރާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދީ ރާއްޖޭން ބޭރުކޮށްލެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.