ޚަބަރު
ތުރާކުނުގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެ
ތުރާކުނުގައި އިމާރާތްކުރަމުންދާ މިސްކިތް. ފޮޓޯ: ވުޒާރާ
ސަރުކާރުން ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި ކަމަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
މި މަޝްރޫއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ 11.21 މިލިއަން ރުފިޔާއަށެވެ.
ހއ. ތުރާކުނުގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އާ މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި.@MMuizzu@presidencymv@Mohamedshaheem1 pic.twitter.com/YLmdPPMzUk
— Ministry of Islamic Affairs & Endowments (@MVIaffairs) July 29, 2026
މި މިސްކިތް ފަރުމާކޮށްފައިވަނީ، އެތެރެއާއި ބޭރުން އިސްލާމީވަންތަކަށް ރަމްޒުކޮށްދޭ ގޮތަށް އެންމެ ފަހުގެ ޒަމާނީ ބައްޓަމަށް ކަމަށްވާއިރު، މިސްކިތުގައި ވުޟޫކުރާ ދެ ސަރަޙައްދަކާއި، މުންނާރެއް ހިމެނެއެވެ. އަދި މިއީ 240 އަކަމީޓަރުގެ ބޮޑު މިނެއް ހުންނަ، އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގެ މިސްކިތެކެވެ.
މ މަޝްރޫއުގެ 88 އިންސައްތަ ނިންމާލާފައިވާކަން އެމްޓީސީސީއިން މިދިޔަ ޖޫން މަހުގެ ތެރޭގައި ހާމަކޮށްފައިވާއިރު، ދެން ކުރިއަށް ދާނީ ނީ މިސްކިތުގެ އެންމެ ފަހުގެ ނިންމުންތަކާ ގުޅޭ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ތުރާކުނުގެ ރައްޔިތުން ނަމާދުކުރުމަށް ޖާގަތަނަވެސް، ޒަމާނީ މާހައުލެއް ފޯރުކޮށްދިނުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މި މަޝްރޫއު ވީހާވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކުރަމުންނެވެ.