ކޮލަމް

ތަފާތު ބާވަތުގެ ނަޓާއި އޮށް ފެނަށްއެޅުން، މިއީ ހަގީގަތުގައިވެސް ކާމިޔާބު އުކުޅެއްތަ؟

ތަފާތު ބާވަތުގެ ނަޓާއި އޮށް ފެނަށްއެޅުން، މިއީ ހަގީގަތުގައިވެސް ކާމިޔާބު އުކުޅެއްތަ؟

ދިރި އަދި އޯބަތް ފެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 06:01

29 ޖުލައި 2026، 06:01

މިއަދު މީސްމީޑިއާގެ މަންސަތަކަށް ބަލާލާއިރު، "މޯނިން ރޫޓިން" ނުވަތަ ހެނދުނުގެ އާދަކާދަތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މި ދެންނެވި އާދައަށެވެ. ތަފާތު ބާވަތްތަކުގެ މޭވާއާއި، އޮށުގެ ބާވަތްތައް ރޭގަނޑު ވަކިވަކި ތަށިތަކަށް އަޅައި ފެނަށްލާފައި ބެހެއްޓުމަށްފަހު، ހެނދުނު އެ ތަކެތި ބޭނުންކުރުމުގެ ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ނަޓްސްއާއި، އެކި ކަހަލަ އޮށްތަކުގެ އިތުރުން ހަވާދުގެ ބާވަތްތައް ހިމެނޭހެން އެތައް ބާވަތެއް މިގޮތަށް ބޭނުންކުރަމުންދެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ފަސޭހައިން ދަމައިގަތުމަށާއި ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި މިއީ ހަންގަނޑާއި، އިސްތަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން، މުޅި ސިއްހަތަށް އޮތް "ޖާދޫއެއް" ފަދަ ފަރުވާއެއްގެ ގޮތުގައިވެސް ވަނީ މަޝްހޫރުވެފައެވެ.


މި ޓްރެންޑަކީ ކޮބާ؟

މީސްމީޑިއާގައި މިހާރު އާންމުވަމުންދާ މި ޓްރެންޑަކީ، ތަފާތު ބާވަތްތަކުގެ "ސުޕަރ ފުޑްސް" ކުދި ތަށިތަކަށް އަޅައި، ފެންނަ ފެނުމަށް ރީތިކޮށް އަތުރާލުމެވެ. މީގެ ތެރޭގައި އާންމުކޮށް ހިމެނެނީ ކަދުރު، އަލްމަންޑް، ވޯލްނަޓް، ހިކިމޭބިސްކަދުރު، ޗިއާ ސީޑްސް، ކޮތަނބިރި، ދިރި، އޯބަތް ، ދަވިއްގަދުގެ އިތުރުން ކަދުރެވެ. މި ތަކެތި ރޭގަނޑު ފެނަށް އަޅާފައި ބެހެއްޓުމަށްފަހު، ހެނދުނު ހުސްބަނޑާ ހުރެ ބޭނުންކުރުމަކީ ސިއްހަތަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިއީ ހަގީގަތުގައިވެސް ކާމިޔާބު އުކުޅެއްތަ؟

ފެނަށް އަޅާފައި ހުންނަ ނަޓާއި އޮށްތަކަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަމީ ސައިންޓިފިކް ގޮތުން ކަށަވަރުވާ ހަގީގަތެކެވެ. ނަމަވެސް، މީސްމީޑިއާގައި މިކަމާ ގުޅޭގޮތުން ފެތުރޭ ބައެއް މަޢުލޫމާތުތަކަކީ، ސައިންސަށްވުރެ ބޮޑަށް "ސޯޝަލް މީޑިއާ އެސްތެޓިކްސް" ނުވަތަ ފެންނަ ފެނުމަށް ރީތިކޮށް ދެއްކުމަށް ކުރާ ކަންކަމެވެ. ކޮންމެ ދުވަހަކު 7 އަކާއި 10 އަކާ ދެމެދުގެ ބާވަތްތައް ކެއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ނިންމަންވާނީ، އެ މީހެއްގެ ކާނާގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ފެނަށްއެޅުމުން ލިބޭ މުހިންމު ފައިދާތައް:

މައުދަން ހަށިގަނޑަށް ދަމައިގަތުމަށް ފަސޭހަވުން: ބައެއް ބާވަތްތަކުގައި ހުންނަ 'ފައިޓިކް އެސިޑް' އަކީ ހަށިގަނޑަށް ބޭނުންވާ ދަގަނޑާއި ޒިންކް ފަދަ މައުދަންތައް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ މާއްދާއެކެވެ. ފެނަށް އެޅުމުން މި މާއްދާ މަދުވެ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބުން ފަސޭހަވެގެންދެއެވެ.

ހަޖަމުކުރުމަށް ލުއިވުން: ފެނަށް އެޅުމުގެ ސަބަބުން ގަދަ ފައިބަރތައް މަޑުވެ، ހިތި ރަހަދޭ 'ޓެނިންސް' ފިލައިދެއެވެ. މިއީ ބަނޑު ފުއްޕުން ނުވަތަ ގޭސް އުފެދުން ފަދަ ހަޖަމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ފައިދާހުރި ކާނާ ކެއުމަށް އާދަވުން: މެތި ނުވަތަ ޗިއާ ސީޑްސް ފަދަ ތަކެތި ހިކިކޮށް ކެއުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ރޭގަނޑު ފެނަށް އަޅާފައި ބެހެއްޓުމުން، އެތަކެތި ކެއުމަކީ ދުވަހުގެ ތަރުތީބުގެ ތެރޭގައި ހިމެނިގެންދާ ފަސޭހަ ކަމަކަށް ވެއެވެ.

ވަކިވަކި ބާވަތްތަކުގެ ޚާއްޞަ ފައިދާ: މިސާލަކަށް ޗިއާ ސީޑްސް ފެނަށް އެޅުމުން އުފެދޭ 'ޖެލް' ގެ ސަބަބުން ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފަހައްޓައިދެއެވެ. މެތި ފެނަށް އެޅުމުން އޭގެ ހިތިކަން ކެނޑި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްތަ؟

ދުވަހުގެ ތަރުތީބު މާ ބޮޑަށް އޮޅުންބޮޅުން ކުރުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ރޭގަނޑު މި ތަކެތި ތައްޔާރުކުރަން ހަނދާން ނެތިއްޖެނަމަ، މުޅި ދުވަހުގެ ސިއްހީ އާދަތައް ބަދަލުވީ ކަމަށް ދެކި، ފައިދާހުރި ކާނާ ކެއުން ހުއްޓާލައިގެން ނުވާނެއެވެ. ފެނަށް އަޅާފައި ހުންނަ އަލްމަންޑް ކޮޅެއް ކެއުމަކީވެސް، އެއްވެސް އެއްޗެއް ނުކައި ހުރުމަށްވުރެ މާ ފައިދާހުރި ކަމެކެވެ.

މިކަން ކުރާއިރު ސަމާލުކަންދޭންވީ ކަންކަން:

މުހިންމު މަދު ބާވަތްތަކެއް އިޚްތިޔާރުކުރުން: ހުރިހާ ބާވަތެއް އެއްފަހަރާ ބޭނުންކުރުމުގެ ބަދަލުގައި، އަމިއްލަ ހަށިގަނޑަށް އެންމެ ބޭނުންތެރި 2 ނުވަތަ 3 ބާވަތެއް އިޚްތިޔާރު ކުރާށެވެ. މިސާލަކަށް ވިޓަމިން އީ އަށް އަލްމަންޑް އަދި އޮމެގާ-3 އަށް ވޯލްނަޓް ބޭނުންކުރުން ފުދެއެވެ.

ފުރިހަމަ ނާސްތާއަކަށް އިސްކަންދިނުން: ފެނަށްއެޅި އޮށްތަކަކީ އިތުރު އެހީއެކެވެ. އެއީ ކަސްތަރު ނުވަތަ ބިސް ފަދަ ހަކަތަ ލިއްބައިދޭ ފުރިހަމަ ނާސްތާއެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

ހަށިގަނޑަށް އަންނަ ބަދަލުތަކަށް ބެލުން: މީހަކު ބުނި ބުނުމަކަށް ގިނަ ބާވަތްތަކެއް ކެއުމުގެ ބަދަލުގައި، މަދުން ފަށައިގެން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދޭށެވެ.

ސަމާލުކަމަށް: މިއީ އާންމު މައުލޫމާތު ހިމެނޭ ލިޔުމެކެވެ. މިއީ ޑޮކްޓަރީ ލަފާގެ ބަދަލުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ނޫނެވެ. ސިއްހީ އެއްވެސް ކަމެއް ނިންމުމުގެ ކުރިން ފަންނީ މާހިރެއްގެ ނުވަތަ ޑޮކްޓަރެއްގެ މަޝްވަރާ ހޯއްދަވާށެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450