ޚަބަރު
މާޅޮހު ބަނދަރު ހެދުމުގެ މަޝްރޫއުގެ 83 އިންސައްތަ ނިމިއްޖެ
މާޅޮހު ބަނަދަރުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ބ. މާޅޮހުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ 83 އިންސައްތަ ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތަކަށްވާއިރު، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް ވުޒާރާއިން ބުނެއެވެ.
މާޅޮހުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު އޮތް ބަނދަރުން 11،044 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމުގެ މަސައްކަތާއި، އައު ބަނދަރަށް ބޭނުންވާ 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 81 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރގެ މަސައްކަތާއި، 221 މީޓަރުގެ ބަނދަރު ބްރޭކްވޯޓަރގެ މަސައްކަތާއި، 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 510 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި، 2,365 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ވަނީ ހަވާލުކުރެވިފައެވެ.
ބ. މާޅޮސް ބަނދަރުހެދުމުގެ މަޝްރޫޢު pic.twitter.com/OcHRxmxKNU
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 29, 2026
ބ. މާޅޮހުގެ ބަނދަރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެ ރަށަށް ދިމާވާ މައްސަލަތައް ހައްލުކުރެވި، ލަފައި ފުރުމުގެ ދަތިކަން ވެސް ފިލައިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫއަށް ސަރުކާރުން ވަނީ 75.43 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ރަށްރަށަށް ދިމާވާ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަނީ އެމްޓީސީސީއާއި ހަވާލުކޮށްގެނެވެ. މި މަޝްރޫއުތައް ނިމުމުން، ރަށްތަކުގެ ރައްޔިތުންނަށް އެތައް ފައިދާއެއް ކުރާނެއެވެ.