Ads by Farudhun

ޚަބަރު

އިންސާނީ ވަގުފާރީއާ ދެކޮޅަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވި: ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ

އިންސާނީ ވަގުފާރީއާ ދެކޮޅަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވި: ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ

މަޖީދީމަގު. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 02:43

30 ޖުލައި 2026، 02:43

އިންސާނީ ވަގުފާރީއާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައިފިއެވެ. 

މިއަހަރުގެ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި އެ ވުޒާރާއިން ވަނީ މިކަމާއި ދެކޮޅަށް ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. 

އެގޮތުން، މިއަހަރުގެ އޭޕްރީލް މަހު، މަސައްކަތްތެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ އިދާރާތައް އެ ވުޒާރާގެ ދަށަށް ބަދަލުކުރެވިގެންދިއުމަކީ، އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސްކުރުން ހަރުދަނާކުރުމަށް މަގުފަހިވެގެން ދިޔަ ނިންމުމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ. 

އަދި މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކަމާއި ދެކޮޅަށް އެކުލަވާލާފައިވާ މަގުޗާޓު މިހާރު ވަނީ ޝާއިއު ކުރެވި، އެއަށް އަމަލު ކުރަން ފަށާފައިކަމަށް ވުޒާރާއިން ބުނެއެވެ. މި ޕްލޭން ނިމުމުން، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލުކުރެވޭނެ ކަމަށާއި، އެއާއެކު މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެކަން ވުޒާރައިން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވާ ވުޒާރާއިން ވަނީ، ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ވެސް އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށްފައެވެ.

މި އަހަރުގެ ޝިޔާރުކަމުގައިވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" ފާހަގަކޮށް ވުޒާރާއިން ވަނީ، މީހުން ޓްރެފިކްކުރުމުގެ ކުށުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. އަދި ވުޒާރައިން ވަނީ ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން، ވަޒީފާ ލިބޭނެކަމުގެ އުންމީދުގައި ގާނޫނާ ޚިލާފު މަޖުބޫރުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެގެންދާކަން ފާހަގަކުރައްވާ، މި ކުށާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވެސް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމާއެކު، ކުށްކުރުން ހުއްޓުވުން ކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ. މި އަމާޒަށް ހާސިލުވުމަށް، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް ވުޒާރާއިން ބުނީ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރަމުންދާ ކަމަށެވެ. 

އަދި މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި ފަހުން ވެސް އެމީހުންގެ ހައްގުތަކަށް ހޭލުންތެރިކުރުވާ، މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ މުހިންމު ކަމެއް ކަން ވުޒާރައިން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމަކީ، މި ނިޒާމު ހަރުދަނާވެގެންދާނެ ކަމެއްކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވުޒާރާއިން ވިދާޅުވީ، އަމާޒަކީ އެންމެން ގުޅިގެން، ކޮންމެ މީހަކަށްމެ ބިރުވެރިކަމެއް ނެތި، އިންސާނީ ގަދަރާއި ކަރާމާތާއެކު ދިރިއުޅެވޭނެ އަމާން ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 30 ވަނަ ދުވަސް އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރެވިގެންދާއިރު، މިއީ އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭ މުހިންމު ދުވަހެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450