Ads by Farudhun

ޚަބަރު

ނިއުރޭޑިއަންޓުގެ ދެ ގޯލުގެ ލީޑު ގެއްލުވާލައި މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

ނިއުރޭޑިއަންޓުގެ ދެ ގޯލުގެ ލީޑު ގެއްލުވާލައި މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލުން / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 އޯގަސްޓު 2026، 10:30

01 އޯގަސްޓު 2026، 10:30

ދެ ލަނޑުގެ ތަފާތުން ފަހަތުގައި އޮތުމަށްފަހު، ކުޅުން ރަނގަޅުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަހަރުގެ ޗެރިޓީ ޝީލްޑް ދިފާއުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މިދިޔަ ސީޒަންގައި އެފްއޭ ކަޕް ކާމިޔާބުކުރި ނިއުރޭޑިއަންޓުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމާ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒްއެވެ. މިއީ އެ ޓީމުގެ އަނެއް ބްރެޒިލް ކުޅުންތެރިޔާ ގިލްހާމް ލުއިސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ސީޒަނުގައި ކްލަބް ވެލެންސިއާއިން ނިއުރޭޑިއަންޓާ ގުޅުނު އީތަން އިބްރާހީމް ޒަކީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މާޒިޔާއިން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އުމުރުން އެންމެ 17 އަހަރުގެ މުޙައްމަދު އިލާން އިމްރާން ޖަހައިދިން ލަނޑުން އުންމީދު އާކުރިއެވެ. އަޙްމަދު އައިހަމް ދިން ބޯޅައެއް ހޯދައި، އިލާން ވަނީ ނިއުގެ ކީޕަރު އަޙްމަދު ސަމީރު ބޯމަތިން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޮރިއެލްޓަން އޭނާގެ ދެވަނަ ލަނޑު ޖަހައި، ނިއުރޭޑިއަންޓަށް 3-1 ގެ ލީޑެއް ހޯދައިދިނެވެ.

ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި، ކްލަބް އީގަލްސްއިން މާޒިޔާއާ ގުޅުނު އިބްރާހީމް މަހުދީ ޙުސައިން (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި، އައިހަމް ނެގި ހުރަހަކުން އިލާން ވަނީ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާގެ ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ނިއުރޭޑިއަންޓަށް ނަތީޖާ ގެއްލުނީ ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ގުޅުނު މުޙައްމަދު ނާއިމް ޖެހި ޕެނަލްޓީ، މާޒިޔާގެ ކީޕަރު ޙުސައިން ޝަރީފް ދިފާއުކުރުމުންނެވެ. މާޒިޔާ ޕެނަލްޓީގައި ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

މިއީ މާޒިޔާއިން ޖެހިޖެހިގެން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން މާޒިޔާއިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450