ކޮލަމް
"ނެޗުރަލް" އޭ ބުނުމަކީ ބަރުދަން ލުއިކުރާ ބާވަތްތައް ރައްކާތެރި އެއްޗަކަށް ވުމެއް ނޫން
ބަރުދަން ލުއިކުރަން އެކި ބާވަތުގެ ހަރބަލް އުފެއްދުންތައް ބާޒާރުގައި ހުރޭ
މިއަދުގެ ސޯޝަލް މީޑިއާގެ ދުނިޔޭގައި، ބަރުދަން ލުއިކުރުމަށް އެކި ބާވަތުގެ އުފެއްދުންތައް އިޝްތިހާރު ކުރަމުންދާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. "މިއީ 100 އިންސައްތަ ގުދުރަތީ އެއްޗެއް،" "ކަޅުދިރި ހިމެނޭ ފަރުވާއެއް،" ނުވަތަ "ކެމިކަލް އެއްވެސް މާއްދާއެއް ނުހިމެނޭ" ފަދަ ޖުމްލަތަކަކީ މިފަދަ ތަކެތި ވިއްކުމަށް ބޭނުންކުރާ އެންމެ އާންމު އުކުޅުތަކެވެ. ނަމަވެސް، މާހިރުން އިންޒާރު ދޭ ގޮތުގައި މިފަދަ އިޝްތިހާރުތަކަކީ އެ އެއްޗެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ހެއްކެއް ނޫނެވެ.
ގިނަ ބަޔަކު ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ސައި، ފުށް، ނުވަތަ ކެޕްސޫލް ފަދަ ތަކެއްޗަކީ "ހާބަލް" ނުވަތަ ގުދުރަތީ ތަކެތި ކަމަށްވާތީ، އޭގެން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ގަބޫލުކުރެއެވެ. އެހެންނަމަވެސް، ސިއްހީ ހޯދުންތަކުން ފެންނަ ހަގީގަތް މިއާ މުޅިން ތަފާތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑޮކްޓަރުން ވަނީ މިފަދަ "ނެޗުރަލް" ސަޕްލިމެންޓްތައް ބޭނުންކުރުމުގެ ސަބަބުން ފުރަމޭ (ލިވަރ) ހަލާކުވުމާއި، ކިޑްނީގެ މައްސަލަތައް ކުރިމަތިވެފައިވާ ގިނަ ކޭސްތަކެއް ރިޕޯޓްކޮށްފައެވެ.
ބައެއް ހާލަތްތަކުގައި، ރައްކާތެރި އެއްޗެއް ކަމަށް ބުނެ ވިއްކި މިފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން، ފުރަމޭ ބަދަލުކުރަން ޖެހިފައިވާ މީހުންވެސް މަދެއް ނޫނެވެ.
މިތަނުގައި އޮތް އަސްލު މައްސަލައަކީ ހަމައެކަނި ގުދުރަތީ ފަތްޕިލާވެއްޔެއް ނޫނެވެ. މިސާލަކަށް ކަޅުދިރިއަކީ އޭގެ ޒާތުގައި ސިއްހީ ގޮތުން ފުރަމޭއަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެއް ކަމަށް ސިއްހީ ދިރާސާތަކުން ދައްކާފައެއް ނުވެއެވެ. ނަމަވެސް، އެންމެ ބޮޑު ނުރައްކަލަކީ އޮންލައިންކޮށް ވިއްކާ މިފަދަ ތަކެތީގައި ހިމެނޭ، ބޭރުފުށުން ނުފެންނަ މާއްދާތަކެވެ. އޭގެ ތެރޭގައި:
- ޕެކެޓުގެ ބޭރުގައިވާ ލޭބަލްގައި ނުހިމެނޭ ސިއްރު މާއްދާތައް ހުރުން.
- ލެޑް، މާކަރީ، ނުވަތަ އާސެނިކް ފަދަ ވިހަ މައުދަންތަކުން ތަޣައްޔަރުވެފައިވުން.
- ސިއްރުން ބޭސްތައް ނުވަތަ "ސްޓިމިއުލަންޓްސް" އެއްކޮށްފައި ހުރުން.
- ރައްކާތެރިކަން ޓެސްޓުނުކޮށް، އެތައް ބާވަތެއްގެ ފަތްޕިލާވެލި އެއްކޮށްފައިވުން.
"ގުދުރަތީ" ވުމަކީ "ގެއްލުމެއް ނެތުން" ނޫންކަން ދަނެގަންނަން ޖެހެއެވެ. އަސްލު ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ އެއްޗެއް ނަމަވެސް، އެއީ ހަކުރު ބަލި، ލޭގެ ޕްރެޝަރު، ނުވަތަ ހިތުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކާ އެކުވުމުން ނުރައްކާތެރި މާއްދާއަކަށް ބަދަލުވެދާނެ އެއްޗެކެވެ. އަދި ބައެއް މީހުންނަކީ ގުދުރަތީ ބައެއް މާއްދާތަކަށް އެލާޖިކްވާ ބައެއް ކަމުން، އެއީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
އެހެންކަމުން، ބަރުދަން ލުއިކުރާ އުފެއްދުމެއް ބޭނުންކުރުމުގެ ކުރިން އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލާށެވެ: މިއީ ސައިންޓިފިކް ގޮތުން ކާމިޔާބު އެއްޗެއްކަން ސާބިތުވެފައިވޭތޯ؟ މިއީ ރާއްޖޭގެ ކަމާބެހޭ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ އެއްޗެއްތޯ؟ އަދި އެންމެ މުހިންމު ކަމަކީ، ސިއްހީ މާހިރެއްގެ ލަފާ މިކަމުގައި ހޯދިންތޯއެވެ؟
ބަރުދަން ލުއިކުރުމަކީ ވަގުތު ނަގާ ކަމެކެވެ. އެއްވެސް ނުރައްކަލެއް ނެތި، ކުއްލިއަކަށް ބަރުދަން ލުއިކޮށްދޭނެ "މިރެކަލް" އެއްފަދަ ސައެއް ނުވަތަ ޕައިޑަރެއް ނުހުރެއެވެ.
ވިޔަފާރިވެރިންގެ ހިތްގައިމު އިޝްތިހާރުތަކަށްވުރެ ތިބާގެ ސިއްހަތު މާ އަގުބޮޑެވެ.
ހަނދާން ބަހައްޓަވާ: ބަރުދަން ލުއިކުރުމަށް އެއްވެސް ކަހަލަ "ހާބަލް" ސަޕްލިމެންޓެއް ބޭނުންކުރުމުގެ ކުރިން، ޚާއްސަކޮށް ތިބާއަކީ ބައްޔަކަށް ދާއިމީ ބޭހެއް ބޭނުންކުރާ މީހެއް ނަމަ، ކޮންމެހެންވެސް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ. "ނެޗުރަލް" އޭ ބުނުމަކީ އެއީ އެންމެންނަށް ރައްކާތެރި އެއްޗަކަށް ވުމެއް ނޫނެވެ.