ދުނިޔެ
މެދުއިރުމަތީގެ 10 ގައުމެއްގެ ހޫނުމިން އާދަޔާޚިލާފަށް މައްޗަށް: ބައެއް ސަރަހައްދުތަކުގައި 50 ޑިގްރީއަށް ވުރެ މަތިވަނީ
މެދުއިރުމަތީގެ 10 ގައުމެއްގެ ހޫނުމިން އާދަޔާޚިލާފަށް މައްޗަށް - ފޮޓޯ: ދަ ހެރަލްޑް
މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހޫނު ވައި ޖައްވުގައި ތާށިކޮށްލާ ފަދަ "ހައި-ޕްރެޝަރ ސިސްޓަމެއް އުފެދުމުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގެ 10 ގައުމެއްގެ ހޫނުމިން އާދަޔާޚިލާފަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ދީފިއެވެ.
މޫސުމީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން އެންމެ ބޮޑަށް އުފުލޭނެ ކަމަށް ބެލެވެނީ އަރަބި ޕެނިންސުލާގެ ގައުމުތަކާއި އިރާގުގައެވެ. މި ސަރަހައްދުތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަންނަ ބަދަލުތަކުގެ އަސަރު ކުރާނެ 10 ގައުމަކީ ކުވެއިތު، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިރާގު، އުރުދުން، ސޫރިޔާ، ލުބުނާން، ފަލަސްތީނު، މިސްރު އަދި އޮމާންއެވެ.
މި ގައުމުތަކުގެ ތެރެއިން އޮމާންގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން މިހާރުވެސް 47 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން މަސްދުވަހު ވެސް އެ ގައުމުގެ ހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ޔޫއޭއީގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައެވެ. ނަމަވެސް، މި ހޫނުގަދަ ދުވަސްވަރުގައި ވެސް ކުރިއަށް އޮތް ހަފުތާގެ މެދުތެރޭގައި ޔޫއޭއީގެ އިރުމައްޗާއި ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމީ ރިޕޯޓްތައް ބުނެއެވެ.
މިފަދަ ގަދަ ހޫނެއް މެދުވެރިވަނީ "ތާމަލް ޑޯމް" އެއްގެ ސަބަބުން ކަމަށް މާހިރުން ތަފްސީލުކޮށްދެއެވެ. މި ޙާލަތުގައި އުޑުމަތި ސާފުވެ، ވިލާ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން އިރުގެ ދޯދިތައް ސީދާ ބިމަށް އެޅި، ހޫނުވައި ޖައްވުގެ ތިރީ ފަށަލައިގައި ބަންދުވެފައި ހުރެއެވެ.
މި މޫސުމީ ބަދަލާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ވަނީ އާންމުންނަށް ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އޭގެ ތެރޭގައި:
- ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ އަވީގައި ބޭރަށް ނުނިކުތުން.
- ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ފެން ބުއިން.
- ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ބޭރުތެރޭގައި ކުރާ މަސައްކަތްތަކާއި ހަރަކާތްތައް މަދުކުރުން.
ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ދަތުރުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.