ދުނިޔެ
ނުތަނަވަސްކަން އޮތަސް މަޝްވަރާއަށް އިސްކަންދިނުމަށް ސަޢުދީއިން ގޮވާލައިފި
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ސަޢުދީގެ ވަލީ އަހުދު. ފޮޓޯ: އޭޕީ
އެމެރިކާ އާއި އިރާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އަސްކަރީ ކުރިމަތިލުންތަކުގެ ބަދަލުގައި މަޝްވަރާގެ މަގު އިސްކުރުމަށް ސަޢުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައިފިއެވެ.
ސަޢުދީޢަރަބިއްޔާގެ މި ގޮވާލުން އައިސްފައިވަނީ އީރާނަށް ދޭން ރޭވި ހަމަލާތައް މަޑުޖައްސާލިކަން ޓްރަމްޕް އިޢުލާން ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޓްރަމްޕަށް ފޯނުން ގުޅައި، ހޫނުވެފައިވާ މަސްރަޙު ފިނިކުރުމަށްޓަކައި ޑިޕްލޮމެޓިކް ހައްލުތަކަށް މަގުފަހިވާނެ ފަދަ މަޝްވަރާތަކަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ގަލްފް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ފަދަ ބޮޑު ހަނގުރާމައަކަށް މިކަން ބަދަލުވިޔަ ނުދިނުމަށް ބާރުއެޅުއްވިއެވެ.
ރައީސް ޓްރަމްޕް އާދިއްތަ ދުވަހު ބުނީ އީރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލީ، ފަސް މަސް ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލެވިފައިވާތީ ކަމަށެވެ. މީގެ ކުރިން ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ވަރުގެ ބާރުގަދަ ހަމަލާތަކެއް އީރާނަށް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ބުނެ އިންޒާރު ދީފައެވެ.
ޓްރަމްޕް ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއަރ ނުރައްކާ ނައްތާލުން ހިމެނެއެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ "ދޮގެއް" ކަމަށާއި، އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.
މި މައްސަލައިގައި ސައުދީން ކަންބޮޑުވަނީ އެމެރިކާއިން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، އީރާނުން ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ތެލާއި ގޭސް ފެސިލިޓީތަކަށް ހަމަލާދީފާނެތީއެވެ. ފާއިތުވި ހަފްތާތަކުގައި ވެސް ސައުދީގެ ތެޔޮ ފެސިލިޓީތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ.
ގަތަރާއި، ޕާކިސްތާނާއި އޮމާންގެ އިތުރުން ސައުދީން މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަކީ ޓްރަމްޕްގެ ނިންމެވުން ބަދަލުކުރުމަށް ލިބުނު ބާރެއް ކަމަށް މުހައްލިލުން ދެކެއެވެ. އިސްލާމްއާބާދާއި ދޯހާގައި ތިއްބެވި މެދުވެރިން އުންމީދު ކުރައްވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށޭނެ ކަމަށެވެ.