ދުނިޔެ
ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ ރައީސް ސޫރިޔާގެ ރައީސްއާ ބައްދަލުކުރައްވައިފި
ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީ، ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާއު. ފޮޓޯ: އޭއެފްޕީ
ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީ، ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާއު އާ ދިމިޝްޤުގައި ބައްދަލުކުރައްވައިފިއެވެ.
މިއީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، ކުރުދީ ލީޑަރަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ހޯމަ ދުވަހު ބަރްޒާނީ އިސް ވަފުދަކާއެކު ދިމިޝްޤަށް ކުރެއްވި މި ދަތުރުފުޅުގައި، ސޫރިޔާގެ ރިޔާސީ ގަނޑުވަރުން އެމަނިކުފާނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. ސޫރިޔާގެ ރަސްމީ ނިއުސް އެޖެންސީ (ސަނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ބޭފުޅުން ވަނީ އަރްބީލް އާއި ދިމިޝްޤާ ދެމެދު އޮތް ގުޅުމާއި، ދެ ޤައުމަށް މުހިންމު ސަރަޙައްދީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ކުރުދިސްތާން ރީޖަނަލް ގަވަރްމަންޓް (ކޭ.އާރް.ޖީ) އާއި ސޫރިޔާގެ އައު ސަރުކާރާ ދެމެދު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ސޫރިޔާގެ ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. ސޫރިޔާގެ އިރުއުތުރުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ އެސް.ޑީ.އެފް އިން ވަނީ ސިޔާސީ އަދި ސަގާފީ ޙައްޤުތަކުގެ ޔަޤީންކަން ހޯދުމަށް ބާރުއަޅާފައެވެ.
އަލް ޙަދަޘްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ސޫރިޔާގައި ދިރިއުޅޭ ކުރުދީންގެ ދުސްތޫރީ ޙައްޤުތަކާއި، ޚާއްޞަކޮށް ބަހުގެ ޙައްޤުތަކާއި އިދާރީ މިނިވަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ކުރުދީ ބަހުގެ ޙައްޤުތަކާ ގުޅޭ ޤަރާރު ނަންބަރު 13 ތަންފީޒުކުރުން ހިމެނެއެވެ. ސޫރިޔާގެ އޮފިޝަލުން ވަނީ ކުރުދީ ބަހުން ތަޢުލީމު ދިނުމާއި މުޤައްރަރު އެކުލަވާލުމުގައި ކުރުދިސްތާން ސަރުކާރުގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ސޫރިޔާއާއެކު 1,100 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ އަދި އެތައް ހާސް ސޫރިޔާގެ ރެފިއުޖީންނަށް ހިމާޔަތް ދީފައިވާ ކުރުދިސްތާން ސަރަޙައްދަށް، ސޫރިޔާގެ ހަމަޖެހުމަކީ ސަލާމަތީ ގޮތުން ނުހަނު މުހިންމު ކަމެކެވެ. ސޫރިޔާގައި ހަމަޖެހުން ޤާއިމުވުމަކީ އައި.އެސް ޖަމާޢަތް އަލުން އުފެދުމުގެ ފުރުޞަތު ކުޑަވެ، ރެފިއުޖީން އިތުރުވުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މި ދަތުރުފުޅުގައި ބަރްޒާނީ ވަނީ ސޫރިޔާގެ ޕާލަމެންޓުގައި ތިއްބަވާ ކުރުދީ މެންބަރުންނާއި އެސް.ޑީ.އެފްގެ ކޮމާންޑަރުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ސޫރިޔާގެ އިރުއުތުރުގައި ސަރުކާރުގެ ފައުޖުތަކާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.