ޚަބަރު
ރާއްޖޭގައި 'ނެޓް' ޓެސްޓު ތައާރަފުކުރުމާ ގުޅިގެން ޓީ.އައި.އެފް އިން އެކަމަށް ތައުރީފްކޮށް، މަރުހަބާ ކިޔައިފި
ނެޓް ޓެސްޓް ހެދުމަށް ބޭނުންކުރާ ސިސްޓަމް ފޮޓޯ: އިބުރާހިމް އަބުދުއްރައްޒާގު ހަލީމު
ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ ލޭ ސްކްރީން ކުރުމަށްޓަކައި އެންމެ ޒަމާނީ 'ނިއުކްލިކް އެސިޑް ޓެސްޓް' (ނެޓް) ތައާރަފުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ތެލެސީމިއާ ފެޑެރޭޝަން (ޓީ.އައި.އެފް) އިން އެކަމަށް ތައުރީފްކޮށް މަރުހަބާ ކިޔައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ފަރާތުން މޯލްޑިވްސް ބްލަޑް ސާވިސަސްގައި މި ޚިދުމަތް ފެށުމާ ގުޅިގެން، އެމް.ސީ.ޖީ.އެޗްގެ ސީ.އީ.އޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ޒަމާނީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
މި ޓެސްޓުގެ މުހިންމުކަމާ ގުޅޭގޮތުން ޓީ.އައި.އެފް ފާހަގަކުރެއްވި ގޮތުގައި، 'ނެޓް' ޓެސްޓަކީ އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ވައިރަސްތަކުގެ ޖެނެޓިކް މެޓީރިއަލް ސީދާ ދެނެގަނެވޭ ޓެކްނޮލޮޖީއެކެވެ. އާންމުކޮށް ބޭނުންކުރާ ސްކްރީނިންގ މެތަޑު ތަކަށްވުރެ މާ އަވަހަށް ބަލި ހުރިކަން މި ޓެސްޓުން ދެނެގަނެވެއެވެ. މީގެ ސަބަބުން ބަލި ޖެހުމާއި ޓެސްޓުން ބަލި ދެއްކުމާ ދެމެދު އޮންނަ "ޑައިގްނޯސްޓިކް ވިންޑޯ ޕީރިއަޑް" ކުޑަވެ، ލޭ އެޅުމުގެ ސަބަބުން ބަލި ފެތުރުމުގެ ނުރައްކާ އިތުރަށް ކުޑަވެގެންދާނެއެވެ.
މި ކުރިއެރުމަކީ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އަދި ކޮންމެ ދިވެއްސަކީވެސް ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ބޭއްތިއްބުމަށް ކުރެވުނު މުހިންމު މަސައްކަތްޕުޅެއްގެ ގޮތުންނެވެ.
މިގޮތުން، ޒުވާން ޖީލު ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި 'ވޭޕް' މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތައާރަފުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އާންމު ތަންތަނުގައި ސިނގިރޭޓް ބުއިން މަނާކުރުން ފަދަ ކުރިން ހެދިފައި ހުރި ޕަބްލިކް ހެލްތު ގަވާއިދުތައް އިތުރަށް ހަރުދަނާކޮށް ތަންފީޒުކުރުމަށް ރައީސް މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިއްހީ ދާއިރާއަށް ގެންނަވަމުންދާ މިފަދަ އިންގިލާބީ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ މަޝްހޫރު 'ޓައިމްސް' މެގަޒިން އިން ހޮވާ 2026 ވަނަ އަހަރުގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ސިއްހީ ދާއިރާއިން އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.
ޓީ.އައި.އެފް އިން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖޭގެ "ނޭޝަނަލް ތެލެސީމިއާ މާސްޓާ ޕްލޭން 2024-2034" ގެ ދަށުން މި ފެށުނު 'ނެޓް' ޓެސްޓުގެ ޚިދުމަތަކީ، ރާއްޖޭގައި ތިބި 900 އެއްހާ ތެލެސީމިއާ ކުދިންނަށް ރައްކާތެރި ލޭ ކަށަވަރުކޮށްދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަނަކީ 1986 ވަނަ އަހަރު އުފެދުނު، ބަލިމީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. ދުނިޔޭގެ 64 ގައުމެއްގެ 200 އަށްވުރެ ގިނަ ތެލެސީމިއާ އެސޯސިއޭޝަންތަކާ ގުޅިގެން މި ޖަމްއިއްޔާއިން މަސައްކަތް ކުރަމުންދަނީ ބަލިމީހުންނަށް ފެންވަރު ރަނގަޅު ސިއްހީ އަދި އިޖުތިމާއީ ޚިދުމަތްތައް ހޯދައިދިނުމަށެވެ.