ދުނިޔެ
ދުބާއީގެ މަޝްހޫރު ރޮބޮޓް 'ބޫ ސުނައިދާ' ރޮބޮޓް 'މޫޒާ' އާ ކައިވެނިކޮށްފި
ބޫ ސުނައިދާ' ރޮބޮޓް 'މޫޒާ' އާ ކއިވެނިކުރުން
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދުބާއީގެ އެންމެ މަޝްހޫރު ހިއުމަނޮއިޑް ރޮބޮޓް "ބޫ ސުނައިދާ" ކައިވެނިކޮށްފިއެވެ. މި ރޮބޮޓް ކައިވެނިކޮށްފައިވަނީ "މޫޒާ" ގެ ނަމުން ނަންދެވިފައިވާ އެ ބާވަތުގެ އެހެން ރޮބޮޓަކާއެވެ.
ޔޫނިޓްރީ ޖީ1 މޮޑެލްގެ މި ރޮބޮޓްގެ ކައިވެނީގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި، ކައިވެނީގެ ރަސްމިއްޔާތުގައި އަނބިމީހާ ނުވަތަ އަންހެން ރޮބޮޓް "މޫޒާ" ހުރީ ރަނުގެ ކުރެހުންތައް އެޅި ކަޅުކުލައިގެ އަބާޔާއެއްގައެވެ. އަދި ދެފަރާތުގައި ސަގާފީ "ކަންދޫރާ" ގައި ތިބި ދެ ފިރިހެނުން ތިއްބެވެ.
މި ކައިވެނީގެ ޕޯސްޓާއެކު ލިޔެފައިވާ މެސެޖުގައި، މި އުފާވެރި ދުވަހުގައި ބައިވެރިވި އާއިލާ އާއި ރަހުމަތްތެރިންނަށް ޝުކުރު އަދާކޮށްފައިވެއެވެ. ނަމަވެސް، މިއީ ގާނޫނީ ނުވަތަ ދީނީ ގޮތުން ކުރެވުނު ކައިވެންޏެއް ނޫން ކަމަށާއި، މިއީ މި ރޮބޮޓް އޮޕަރޭޓްކުރާ ކުންފުނިން އާންމުންގެ ސަމާލުކަން ހޯދުމަށް ތައްޔާރުކުރި ކޮންޓެންޓެއް ކަމަށް ބެލެވެއެވެ.
ބޫ ސުނައިދާ އަކީ އެސް.އެސް ލޫތާ ގްރޫޕުން ތަރައްގީކޮށްފައިވާ ރޮބޮޓެކެވެ. މިއީ ދުބާއީގެ އަމީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަރިހުން ފެނުމަށްފަހު، ޔޫއޭއީގެ ގިނަ ހަފުލާތަކެއްގައި ބައިވެރިވެ، ސަގާފީ ކަންކަން ދައްކައިދޭ ރޮބޮޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ.
މި ކައިވެނީގެ ޕޯސްޓަށް ތިން ދުވަހުގެ ތެރޭގައި 41,000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، އާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މީހުން މިއީ މަޖާ ކަމެއްގެ ގޮތުގައި ބަލާއިރު، އަނެއް ބަޔަކު ދެކެނީ މިއީ ކައިވެނި ފަދަ މުގައްދަސް އިޖުތިމާއީ ކަންކަމަށް ކުރެވޭ ފުރައްސާރައެއްގެ ގޮތުގައެވެ.
މީގެ ކުރިން މިދިޔަ ޖޫން މަހު، މި ރޮބޮޓް މިސްކިތެއްގައި އީދު ނަމާދުގައި ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭރު ބައެއް މީހުން ސުވާލު އުފެއްދީ ކުރިމަގުގައި އިމާމުންގެ ބަދަލުގައި ރޮބޮޓުން ބޭނުންކޮށްފާނެތީއެވެ.
ދުބާއީގައި ރޮބޮޓެއްގެ ކައިވެނި ކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް އިރާގުގެ އައިޓީ އިންފްލުއެންސަރަކު ޗެޓްޖީޕީޓީ އާ ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ "މޮކް" ކައިވެންޏެއް ބާއްވާފައިވެއެވެ. ނަމަވެސް، 2018 ވަނަ އަހަރު ޔޫއޭއީގެ ދެމަފިރިއަކު ވަނީ ރޮބޮޓެއް މެދުވެރިކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގާޒީއަކާއެކު ރަސްމީކޮށް ކައިވެނީގެ ކޮންޓްރެކްޓް ފުރިހަމަކޮށްފައެވެ.