ކޮލަމް
ފަޅޯ ފަތުގެ ދިޔައަކީ ޑެންގީ ހުން ޖެހުމުން ބޭނުންކުރެވިދާނެ ފަރުވާއެއްތަ؟
ފަޅޯ ފަތް
2025 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ނޭޝަނަލް ސެންޓަރ ފޯ ވެކްޓަރ-ބޯން ޑިޒީޒަސް އިން ވަނީ 121,824 ޑެންގީ ކޭސް ރިޕޯޓްކޮށްފައެވެ. މިއީ ސިއްހީ ގޮތުން ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި ޑެންގީ ކޭސްތައް އިތުރުވަމުންދާއިރު، ބަލިން ރައްކާތެރިވުމާއި ބަލިޖެހުމުން އަވަހަށް ފަސޭހަވާނެ ގޮތްތަކާ މެދު މީހުން ސުވާލު އުފައްދައެވެ. މީގެ ތެރެއިން އެއްގޮތަކީ ފަޅޯ ފަތުގެ ތާޒާ ދިޔަ ބުއިމެވެ. މިއީ ލޭގެ ޕްލޭޓްލެޓްސް އިތުރުކޮށްދޭ ކަމަށް ސައިންޓިފިކް ހޯދުންތަކުން ބާރުލިބޭ ގޭތެރޭގެ ފަރުވާއެކެވެ.
'ނިއުޓްރިއަންޓްސް ޖާނަލް' ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ޑެންގީ ހުން ޖެހިގެން ލޭގެ ޕްލޭޓްލެޓްސް ދަށްވާ ހާލަތްތަކުގައި ފަޅޯ ފަތުގެ ދިޔަ ނުވަތަ އޭގެ އެކްސްޓްރެކްޓް ބޭނުންކުރުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މި ދިޔަ ތައްޔާރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ބޭރުގައި ހެދިފައި ހުންނަ ފަޅޯ ފަތުގައި ހިރަފުހާއި، ބަލިޖައްސާ ޖަރާސީމާއި، ސޫފާސޫފި ހުރެދާނެތީ އެ ރަނގަޅަށް ސާފުކުރަން ޖެހެއެވެ.
ޑެންގީ ޖެހުމުން ޕްލޭޓްލެޓްސް ދަށްވަނީ ކީއްވެ؟
މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ނުރައްކާތެރި އެއް ނަތީޖާއަކީ ލޭގެ ޕްލޭޓްލެޓްސް ކައުންޓް ހަލުވިކަމާއެކު ދަށްވުމެވެ. މިއީ ވަރަށް ގާތުން ބަލަންޖެހޭ ކަމެކެވެ. 'ތްރޮމްބޯސައިޓޯޕީނިއާ' ނުވަތަ ޕްލޭޓްލެޓްސް މަދުވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހެއެވެ. އެހެންކަމުން، ބަލިން ފަސޭހަވުމަށްޓަކައި ގަވާއިދުން ލޭގެ ޓެސްޓުތައް ހަދައި، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭހާއި ގުދުރަތީ ފަރުވާތައް ހޯދުން މުހިންމެވެ.
ފަޅޯ ފަތް ޑެންގީއަށް ބޭނުންކުރަނީ ކީއްވެ؟
ފަޅޯ ފަތުގެ އެކްސްޓްރެކްޓަކީ ޒަމާނުއްސުރެ ޕްލޭޓްލެޓްސް މަތިކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ސައިންޓިފިކް ގޮތުން ބަލާއިރު، ފަޅޯ ފަތުން ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ 'ALOX12' އަދި 'PTAFR' ކިޔާ ދެ ޖީންއެއް އެކްޓިވްކޮށްދެއެވެ. މީގެ އިތުރުން ފަޅޯ ފަތުގައި ހިމެނޭ ފްލޭވޮނޮއިޑްސް، ކާޕޭން، އަދި އެކި ބާވަތްތަކުގެ އެންޒައިމްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ދުޅަވުން ކުޑަކޮށްދެއެވެ.
ދިރާސާތަކުން ދައްކަނީ ކީކޭ؟
'BMC ކޮމްޕްލިމެންޓަރީ އެންޑް އެލްޓަނޭޓިވް މެޑިސިން' އަދި 'PLOS One Journal' ފަދަ މަޖައްލާތަކުން ދައްކާގޮތުގައި ފަޅޯ ފަތުގެ ދިޔަ ބޭނުންކުރުމުން ޕްލޭޓްލެޓްސް 50,000 އަށްވުރެ މައްޗަށް ޖެއްސުމަށް އެހީތެރިވެދެއެވެ. ނަމަވެސް މި ދިރާސާތަކަކީ މަދު ބަޔަކު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކަކަށް ވާތީ، މިއީ މުޅިން ކަށަވަރު ކަމެއްގެ ގޮތުގައި ނިންމުމަށްޓަކައި އިތުރު ތަހުލީލުތައް ބޭނުންވެއެވެ.
ފަޅޯ ފަތުގެ ދިޔައިން ޑެންގީ ރަނގަޅުވޭތަ؟
ނޫނެކެވެ. ފަޅޯ ފަތުގެ ދިޔައަކީ ބައްޔަށް އޮތް ފަރުވާއެއް ނޫނެވެ. އެއީ ހަމައެކަނި ބައްޔަށް އެހީތެރިވެދޭ 'ސަޕޯޓިވް އެއިޑް' އެކެވެ. އޭގެ މައިގަނޑު ފައިދާއަކީ ހަމައެކަނި ޕްލޭޓްލެޓްސް މަތިކުރުމެވެ. މެޑިކަލް ފަރުވާގެ ބަދަލުގައި ހަމައެކަނި ފަޅޯ ފަތް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ.
ސައިޑް އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތައް:
ކޮންމެ ގުދުރަތީ ފަރުވާއެއްގައިވެސް ނޭދެވޭ އަސަރުތަކެއް ހުރެދާނެއެވެ. ފަޅޯ ފަތުގެ ދިޔަ ބޭނުންކުރުމުން ދިމާވެދާނެ ބައެއް ކަންކަމަކީ:
- ބަނޑަށް އުނދަގޫވުން.
- މޭ ނުބައިކުރުން.
- އެލާޖިކްވުން.
- މާބަނޑު މީހުންނަށް ނުރައްކާތެރިވުން.
- ބޭނުންކުރާ އެހެން ބޭސްތަކާ ނުގުޅުން.
ޑެންގީ ޖެހުމުން އަމަލުކުރަންވީ ގޮތް:
ޑެންގީ ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކާށެވެ. ބައެއް މީހުން އެޑްމިޓްކުރަން ޖެހޭއިރު، އަނެއްބައި މީހުންނަށް ގޭގައި ތިބެގެން ގަވާއިދުން ލޭގެ ޓެސްޓު ހަދައިގެން ފަރުވާ ކުރިއަށް ގެންދެވިދާނެއެވެ.
- ޖޫސް ސޫޕް ފެން ފަދަ ދިޔާތަކެތި ގިނައިން ބޯށެވެ.
- ޑޮކްޓަރު ލަފާދޭ ގޮތަށް ޕްލޭޓްލެޓްސް ކައުންޓް މޮނީޓަރ ކުރާށެވެ.
- ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ފަރުވާ ހޯދާށެވެ.
- އަމިއްލައަށް ބޭސް ބޭނުން ނުކުރާށެވެ.
ޑެންގީން ފަސޭހަވުމަށް އެހީތެރިވެދޭ ކާނާއާއި ބުއިންތައް:
ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އަންނަނިވި ތަކެތި ބޭނުންކުރެވިދާނެއެވެ:
- ކުރުނބާ ފެން.
- އޯ.އާރު.އެސް (ORS).
- މޭވާ.
- ޕްރޮޓީން ގިނަ ކާނާ.
ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޓެސްޓުކޮށް، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ. ފަޅޯ ފަތުގެ ދިޔަ ބޭނުންކުރަން ބޭނުންނަމަވެސް، އެކަން ކުރަންވާނީ ޑޮކްޓަރާ މަޝްވަރާ ކުރުމަށްފަހުގައެވެ.
ނޯޓް: މިއީ ހަމައެކަނި މައުލޫމާތު ފެތުރުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. މިއީ ޑޮކްޓަރީ ފަރުވާގެ ބަދަލުގައި ބޭނުންކުރަންޖެހޭ މައުލޫމާތެއް ނޫނެވެ.