ދުނިޔެ
އެމެރިކާ އާއި ސައުދީގެ ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް އިރާގުގެ ހަނގުރާމަވެރިން ބުނެފި
އިރާގުގެ ހަނގުރާމަވެރިން. ފޮޓޯ: އިންޓަނެޓް
އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން މިދިޔަ މަހު، އިރާގުގެ ޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) ގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް، އިރާގުގެ ހަރަކާތު ހިޒްބުﷲ އަލް ނުޖަބާ ހަނގުރާމަވެރިންގެ ލީޑަރު އަލް ކާބީ ބުނެފިއެވެ.
އޭނާ ނެރުއްވި ބަޔާނެއްގައި ބުނީ، ސައުދީ އަރަބިއްޔާއާއެކު ކުރާ ހާރިޖީ މުއާމަލާތްތަކަކީ ބޭކާރު ކަމެއް ކަމަށާއި، ޕީ.އެމް.އެފް އަށް ދިން ހަމަލާތަކުގެ ބަދަލުހިފުމަށް ޓަކައި އެކަށީގެންވާ އަސްކަރީ ރައްދެއް ދޭންޖެހޭ ކަމަށެވެ.
"މިސައިލަށް ރައްދު ދެވޭނީ ހަމައެކަނި މިސައިލުން. އަދި އަލިފާނަށް ކުރިމަތިލެވޭނީ ހަމައެކަނި އަލިފާނުން،" އޭނާ ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ މަހު ބުނެފައިވަނީ، ގުޅިފައިވާ ވައިގެ ހަމަލާތައް އަމާޒުކުރީ އެމެރިކާ ސިފައިންނަށާއި ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމުގައި ޒިންމާވާ، އިރާނުގެ މަދަދުލިބޭ އިރާގުގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
ޕީ.އެމް.އެފް އިން ބުނި ގޮތުގައި މި ހަމަލާތަކުގައި އެ ޖަމާއަތުގެ މަދުވެގެން 20 މެންބަރުން މަރުވެ، 32 މީހުން ޒަޚަމްވެފައިވެއެވެ.
ހުކުރު ދުވަހު އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ، ބަޣުދާދުގައި ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސް ވެރިޔާ ޚާލިދު ބިން އަލީ އަލް ހުމައިދާންއާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި އިރާގުގެ ލީޑަރު ވަނީ އިރާގުގެ ފަސްގަނޑަކީ އެހެން އެއްވެސް ގައުމަކަށް ހަމަލާދޭން ބޭނުންކުރާ ތަނަކަށް ނުވާނެ ކަމުގެ ވައުދު ތަކުރާރުކުރައްވާފައެވެ.
އަދި ބޮޑުވަޒީރު ސައުދީއަށް ވަޑައިގަތުމަށް އަލް ހުމައިދާން ވަނީ ދައުވަތު ދެއްވާފައެވެ.