ދުނިޔެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައު ހުރި ބޯއިންގް 737 މަރުކާ ބޯޓުތައް ބަލައި ފާސްކުރަނީ
ބޯއިންގް 737 މެކްސް މަރުކާގެ ބޯޓެއް
އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދާ ބޯއިންގް 737 މެކްސް މަރުކާގެ 1،900 އަށްވުރެ ގިނަ ބޯޓު ބަލައި ފާސްކުރުމަށް އަމުރުކޮށްފިއެވެ. މި ފިޔަވަޅަކީ ބޯޓުގެ އޮނިގަނޑަށް ދިމާވެދާނެ ރެނދުލުމުގެ މައްސަލައަކުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
އެފް.އޭ.އޭ އިން ނެރުނު މި އެންގުމުގައި ހިމެނެނީ ބޯއިންގް 737 މެކްސް 8، މެކްސް 9 އަދި 737-8200 މަރުކާގެ ބޯޓުތަކެވެ. މީގެ ތެރޭގައި އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ 471 ބޯޓާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ބޭނުންކުރާ 1،429 ބޯޓު ހިމެނެއެވެ.
މިހާތަނަށް މެކްސް މަރުކާގެ އެއްވެސް ބޯޓަކުން ރެނދެއް ފެނިފައި ނުވި ނަމަވެސް، މި އެންގުން ނެރެފައިވަނީ ކުރީގެ ޖީލުތަކުގެ 737 ބޯޓުތަކުން މިފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީއެވެ. މި އިންސްޕެކްޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލާނީ ބޯޓުގެ ކުރީކޮޅު ހުންނަ ދޮރާ ދިމާލުން އޮނިގަނޑަށް އެހީތެރިވެދޭ "ބެއަރ ސްޓްރެޕް" އަށެވެ. ގިނަ ދުވަހު ބޯޓު ދަތުރުކުރުމުގެ ސަބަބުންނާއި، ފުރުމާއި ޖެއްސުމުގެ ތެރޭގައި ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން އެ ސަރަހައްދުގައި ރެނދުލުމުގެ ފުރުސަތު އޮންނަ ކަމަށް އެފް.އޭ.އޭ އިން ފާހަގަކުރެއެވެ.
ބޯއިންގް ކުންފުނިން ބުނި ގޮތުގައި، ކުރީގެ ބޯޓުތަކަށް ދިމާވި މި މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް އެއަރލައިންތަކަށް ސަމާލުކަން ދިނުމަށް އަންގާފައިވާނެއެވެ. އަދި 2024 ވަނަ އަހަރު މި އިންސްޕެކްޝަންތައް މެކްސް މަރުކާގެ ބޯޓުތަކަށް ފުޅާކުރީ އެ ބޯޓުތަކުގެ ފަރުމާ ހުންނަ ގޮތުން މިފަދަ މައްސަލައެއް ދިމާވެދާނެ ކަމަށް ބަލައިފައެވެ. ކުންފުނިން މިހާރު ދަނީ މި މައްސަލަ ދިމާވާ އަސްލު ސަބަބު ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އުފައްދާ ބޯޓުތަކުގައި މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ ސައުތުވެސްޓް އެއަރލައިންސް އާއި ޔުނައިޓެޑް އެއަރލައިންސް އިން ވަނީ މި އެންގުމަށް ފުރިހަމައަށް އަމަލުކުރާނެ ކަމަށް ބުނެފައެވެ. ޔުނައިޓެޑް އެއަރލައިންސް އިން ހާމަކުރި ގޮތުގައި، ބޯޓުތައް ބަލައި ފާސްކުރާނީ އާންމުކޮށް ބޯޓުތައް މަރާމާތުކުރަން ޝެޑިއުލް ކުރެވިފައިވާ ވަގުތުތަކުގައި ކަމަށްވާތީ، ދަތުރުފަތުރުގެ ނިޒާމަށް މީގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެއެވެ.