ސައިންސް / ދުނިޔެ
އޯޓިޒަމް އަވަހަށް ދެނެގަނެވޭނެ އޭއައި ޓޫލެއް އުފައްދައިފި
ޔުނިވަރސިޓީ އޮފް ދުބާއީ
ދުބާއީ ޔުނިވަރސިޓީގެ ދިރާސާވެރިން އިސްވެ ތިބެ، ކުޑަކުދިންގެ ކިބައިން އޯޓިޒަމްގެ އަލާމާތްތައް މާކުރިން ދެނެގަނެވޭނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމެއް ތައާރަފުކޮށްފިއެވެ. މި އައު އީޖާދުގެ ސަބަބުން، އޯޓިޒަމް ހުންނަކަން ކުރިއަށްވުރެ އަވަހަށް ދެނެގަނެވި، ކުދިންނަށް ބޭނުންވާ ފަރުވާ ނުވަތަ 'އަރލީ އިންޓަވެންޝަން' އަވަހަށް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ ކުދިންގެ ލޮލުގެ ހަރަކާތްތައް ނުވަތަ 'އައި-ޓްރެކިން' އެނަލިސިސްއާއި، ކުއްޖާގެ ކުރިއެރުމާ ގުޅޭ މައުލޫމާތުތައް އެއްކޮށްލައިގެންނެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މި ސިސްޓަމްގެ ސަބަބުން އޯޓިޒަމް ހުރިކަމަށް ބެލެވޭ ކުދިން ދެނެގަތުމަށް ހޭދަވާ ވަގުތު ކުޑަވެ، ސްޕެޝަލިސްޓުންނަށް ދެއްކުމަށް އޮންނަ ދިގު އިންތިޒާރަށް ހައްލެއް ލިބޭނެއެވެ.
އާންމުގޮތެއްގައި ކުއްޖާގެ އުމުރުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި އޯޓިޒަމްގެ އަލާމާތްތައް ފެނުނު ނަމަވެސް، ގިނަ ކުދިން ރަސްމީކޮށް ޑައިގްނޯސް ކުރެވެނީ އުމުރުން ހަތަރު އަހަރުގައެވެ. މި ލަސްވުމުގެ ސަބަބުން ކުއްޖާގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ލިބުން ލަސްވެގެންދެއެވެ. މިހާރު ބޭނުންކުރާ ސުވާލު ކަރުދާސްތަކާ ހިލާފަށް، މި އައު ސިސްޓަމުން ކުއްޖާ ކުރު ވީޑިއޯތަކެއް ބަލަމުންދާއިރު ލޮލުގެ ހަރަކާތްތައް ހުންނަގޮތް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރެއެވެ.
މި ސިސްޓަމަކީ ޓެބްލެޓް ނުވަތަ ސްމާޓްފޯން ފަދަ އާދައިގެ ވަސީލަތްތަކުގައިވެސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. ސްކްރީނިންގް ހެދުމަށް ހޭދަވަނީ އެންމެ ދެ މިނެޓާއި ތިން މިނެޓާ ދެމެދުގެ ވަގުތެކެވެ. ފުރަތަމަ ކުރެވުނު ޓެސްޓުތަކުން މި ސިސްޓަމްގެ ސައްހަކަން 96 އިންސައްތައިގައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ދިރާސާވެރިން ބުނާ ގޮތުގައި މިއީ ޑޮކްޓަރެއްގެ ފުރިހަމަ ޑައިގްނޯސިސްގެ ބަދަލުގައި ބޭނުންކުރާ އެހީތެރިވެދޭ ވަސީލަތެކެވެ.
ދުބާއީ ފިއުޗަރ ފައުންޑޭޝަންގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ދުބާއީ ޔުނިވަރސިޓީގެ އިތުރުން އެމިރޭޓްސް ހެލްތު ސާވިސަސް ، އަލް އަމަލް ސައިކިއޭޓްރިކް ހޮސްޕިޓަލް އަދި އޮސްޓްރޭލިއާގެ ބައެއް ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި ފަރާތްތަކުގެ އަމާޒަކީ މި ވަސީލަތް ކްލިނިކްތަކުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ގޭގައި ތިބެގެންވެސް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.