ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އަންހެނުން ބައިގެންދާ މިންވަރު އިންތިހާއަށް އިތުރުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އަންހެނުން ބައިގެންދާ މިންވަރު އިންތިހާއަށް އިތުރުވެއްޖެ

ޣައްޒާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކުދިންތަކެއް. ފޮޓޯ: ޤުދުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޯގަސްޓު 2026، 04:22

09 އޯގަސްޓު 2026، 04:22

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި، ސިއްހީ ނިޒާމު ސުންނާފަތިކޮށްލުމާއި، އަދި އެހީއަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް އަންހެނުންނެއް ބައިގެންދަމުންދާކަމަށް އދ. އާއި ޔޫރޯ-މެޑް މޮނިޓާގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ޣައްޒާގައި 4,000 އެއްހާ ބައިގެންދިޔުމުގެ  ހާދިސާ ރެކޯޑުކުރެވިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ހަ މަސްދުވަހާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ޔޫއެންއެފްޕީއޭއިން ފާހަގަކުރި ގޮތުގައި ޣައްޒާގެ މާބަނޑު އަންހެނުން ދަނީ ކާބޯތަކެތި ނުލިބުމާއި، ކާނާ މަދުވުމާއި، ތަކުރާރުކޮށް ގެދޮރުން ނެރެލުމާއި، އަދި ނަފްސާނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލަމުންނެވެ.

މީގެ އިތުރުން، ސިއްހީ ފަރުވާ ލިބުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި މައްސަލަތައް ދެނެނުގަނެވި ނުވަތަ ފަރުވާ ނުދެވި ދޫކޮށްލަން ޖެހިފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. އދ. ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހު ޣައްޒާގައި ކޮންމެ ހަތަރު މާބަނޑު އަންހެނަކުން އެކަކު ވަނީ ބަނޑުން ދަރިފުޅު މަރުވުމުގެ ހިތާމައާ ކުރިމަތިލާން ޖެހިފައެވެ.

ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. އަހުމަދު އަލް ފައްރާ ވިދާޅުވީ، ބަނޑުން ދަރިފުޅު މަރުވާ މިންވަރު އިތުރުވަނީ ސާފު ބޯފެން ލިބުމުގެ ދަތިކަމާއި، ކާނާގެ ނިޒާމު ބަދަލުވުމާއި، އަދި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ބުރައިގެ ސަބަބުން ކަމަށެވެ. "އަހަރެމެން މިހާރު މިތިބީ މީހަކަށް ދުވާލަކު އެންމެ ތިން ލީޓަރު ފެން ލިބޭ ހާލަތެއްގައި. އޭގެ ތެރެއިން 90 އިންސައްތަ ފެނަކީ ބޯން ކަމުދާ ފެނެއް ނޫން،" ޑރ. އަލް ފައްރާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫރޯ-މެޑް މޮނިޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެހީތެރިކަމާއެކު އޮކްޓޯބަރު މަހު ހަމަލާތައް މެދުކަނޑާލި ކަމަށް ބުނި ނަމަވެސް، ގާޒާގެ 90 އިންސައްތަ ގެދޮރާއި އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާފައިވުމުން އެތައް ލައްކަ އަންހެނުންނެއް އަދިވެސް ދިރިއުޅެމުންދަނީ ފޭލިގެތަކުގައި ކަމަށެވެ. މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމާއި، ވިހެއުމުގެ ތެރޭގައި ދިމާވާ ނުރައްކާތެރި މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުގެ މި ގަތުލުއާންމުގެ ތެރޭގައި ކާނާ ލިބުމުގެ ދަތިކަމުގެ ސަބަބުން މިހާތަނަށް 450 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އދ. އިން ބުނާގޮތުގައި ޣައްޒާގައި 1.4 މިލިއަން މީހުން އަދިވެސް ތިބީ ކާބޯތަކެތީގެ ނުރައްކާތެރި ހާލަތެއްގައެވެ. މި ހާލަތު އިތުރަށް ދިރާސާކުރުމަށް ޔޫއެންއެފްޕީއޭ އިން މިހާރު ވަނީ ހާއްސަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި ރިޕޯޓު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450