ދުނިޔެ
މައްކާގެ ދިފާއީ އެއްބަސްވުމަކީ އީރާނަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ނޫން ކަމަށް ތުރުކީން ބުނެފި
ތުރުކީ، ސަޢުދީ އަދި ޕަކިސްތާނުގެ އިސް ލީޑަރުން
ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުގެ މެދުގައި އަލަށް ގާއިމުކުރި ތިން ގައުމުގެ ދިފާއީ އެއްބަސްވުމަކީ އީރާނަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ނޫން ކަމަށް ތުރުކީގެ ލީޑަރުން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ހޮނިހިރު ދުވަހު ވިދާޅުވީ، މި އެއްބަސްވުމުގައި އީރާން ނުވަތަ އެހެން އެއްވެސް ގައުމަކީ އާންމު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މީގެ ތެރެއިން ގައުމަކަށް ދެވޭ ހަތިޔާރު އެޅި ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ.
ފިދާން މި އެއްބަސްވުން ސިފަކުރެއްވީ ނޭޓޯގެ ޖަމާއީ ދިފާއީ މާއްދާ ކަމަށްވާ އާޓިކަލް 5 އާ "ޓެކްނިކަލް ގޮތުން" އެއްގޮތް އެއްބަސްވުމެއްގެ ގޮތުގައެވެ. ނަމަވެސް، ހަމަލާއެއް ކުރިމަތިވާ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭނީ އެ ގައުމަކުން އެހީއަށް އެދުމުން، އެދޭ މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އިންޓެލިޖެންސް، ލޮޖިސްޓިކްސް، ހަތިޔާރު ނުވަތަ އަސްކަރީ ފައުޖުތައް ފޮނުވުން ވެސް ހިމެނިދާނެއެވެ.
މި އިއްތިހާދުގެ ދަށުން ސައުދީ އަރަބިއްޔާގައި ސެކްރެޓޭރިއަޓެއް ގާއިމުކޮށް، ސިޔާސީ އަދި އަސްކަރީ ކޮމިޓީތައް އުފެއްދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ތިން ގައުމު ގުޅިގެން ތަމްރީނުތައް ހެދުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ފިދާން ވިދާޅުވީ މި އެއްބަސްވުމުގެ މަސައްކަތް ކުރާތާ ދެ އަހަރާއި އަށް މަސް ވެފައިވާ ކަމަށާއި، މިއީ މިހާރު އީރާނާ ގުޅިގެން އުފެދިފައިވާ މަސްލަހަތުތަކަށް އެކަނި އަމާޒުކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
ތުރުކީން މިފަދައިން ޔަގީންކަން ދިން ނަމަވެސް، އީރާނުގެ ބައެއް އޮފިޝަލުން ވަނީ މި އެއްބަސްވުމާ މެދު ސުވާލު އުފައްދާފައެވެ. އީރާނުގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގެ މެންބަރަކު ވިދާޅުވީ ތުރުކީ އާއި ޕާކިސްތާނާ އެކު އުފައްދާ ކޯލިޝަނަކުން ސައުދީގެ ސަލާމަތް ކަށަވަރު ނުކުރެވޭނެ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ ސަރަހައްދީ ގައުމުތަކުން އަމިއްލަ ނަފްސަށް އިތުބާރުކޮށް، "ހަގީގީ އަޚުވަންތަކަން" ގާއިމުކުރަން ޖެހޭ ކަމަށެވެ.
ފޮރިން މިނިސްޓަރު ފިދާން ވިދާޅުވީ މި އިއްތިހާދު އިތުރަށް ފުޅާކުރުމަކީ ރައީސް އުރުދުޣާންގެ އަމާޒެއް ކަމަށެވެ. "ބޭރުގެ ބާރުތައް ސަރަހައްދަށް އައުމަކުން މައްސަލަތަކެއް ހައްލެއް ނުވޭ، އޭގެ ބަދަލުގައި މައްސަލަތައް އިތުރަށް ގޯސްވަނީ،" އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމުގައި ދެން އެންމެ އަވަހަށް ބައިވެރިވާނެ ކަމަށް ބެލެވެނީ މިސްރުންނެވެ. ފިދާން ސިފަކުރެއްވި ގޮތުގައި މިސްރަކީ މި އިއްތިހާދުގެ "ޤުދުރަތީ ބައިވެރިއެއް" ކަމަށާއި، ޓެކްނިކަލް ކަންކަން ނިމުމުން އެ ގައުމު ވެސް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.