ދުނިޔެ

ނަރަކައާއި ކާފަރުންނަށް އަޒާބުލިބޭ އާޔަތް ކިޔަވައިދޭތީ ބަންދުކުރި މިސްކިތުގެ މައްސަލަ ކޯޓުން ދަމަހައްޓައިފި

ނަރަކައާއި ކާފަރުންނަށް އަޒާބުލިބޭ އާޔަތް ކިޔަވައިދޭތީ ބަންދުކުރި މިސްކިތުގެ މައްސަލަ ކޯޓުން ދަމަހައްޓައިފި

ފަރަންސޭސި ވިލާތުގެ މިސްކިތެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 07:46

09 އޯގަސްޓު 2026، 07:46

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސް ކައިރީގައި ހުންނަ މިސްކިތެއް ހަ މަސް ދުވަހަށް ބަންދުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އެ ގައުމުގެ ކޯޓަކުން ތާއީދުކޮށްފިއެވެ. މި ނިންމުމާއެކު، ފަރަންސޭސި ސަރުކާރުން އިސްލާމީ އަގީދާއާއި އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.

މޮންޓްރޫއިލް އެޑްމިނިސްޓްރޭޓިވް ކޯޓުން މިދިޔަ ހުކުރު ދުވަހު ނިންމީ، އޮލްނޭ-ސޫ-ބޮއިސްގައި ހުންނަ "ޝަންޓެލޫޕް" މިސްކިތް ބަންދުކުރުމަށް ޖުލައި މަހު ނެރުނު އަމުރު ސަސްޕެންޑް ކުރެވެން ނެތް ކަމަށެވެ. މި ނިންމުމާ އެކު، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މިސްކިތް ބަންދުކޮށްފައި ބަހައްޓަން ޖެހޭނެއެވެ.

މިސްކިތުގެ ދިފާއުގައި މަސައްކަތްކުރައްވާ އިންސާނީ ހައްގުތަކާ ބެހޭ ވަކީލު ރަފީގު ޗެކަޓް ވަނީ، ފަރަންސޭސިވިލާތުގެ މިސްކިތްތަކުގައި އިސްލާމްދީނުގެ މުގައްދަސް ފޮތް ކިޔެވުމުގެ މިނިވަންކަން އިމާމުންނަށް އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިސްކިތް ބަންދުކުރަން ސަރުކާރުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އިމާމުން ކީރިތި ޤުރުއާނުގެ ހަތް އާޔަތެއް ކިޔަވައިދިނުމާއި، އިސްލާމީ ތާރީޚުގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އިމާމް ނަވަވީގެ "ރިޔާޟުއްޞާލިޙީން" އާއި "އަރްބަޢީން ނަވަވީ" ފަދަ ފޮތްތަކަށް ހަވާލާދިނުން ހިމެނެއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުތިރާޒުކޮށްފައިވަނީ މިސްކިތުގައި ދިން ޚުޠުބާތަކުގައި "ނަރަކަ" އާއި "ކާފިރުންނަށް ހުރި ކަށްވަޅުގެ އަޒާބުގެ" ވާހަކަ ދައްކާފައިވާތީއެވެ. ނަމަވެސް، މިފަދަ ދީނީ އުނގަންނައިދިނުންތަކަކީ ފައްޅިތަކާއި އެހެނިހެން އަޅުކަންކުރާ ތަންތަނުގައި ވެސް ދެވޭ ފަދަ އުނގަންނައިދިނުންތަކެއް ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ފަނޑިޔާރުން ނިންމީ، ސެއިން-ސަން-ޑެނިސްގެ ޕްރިފެކްޓް ޖޫލިއަން ޗާލްސް ނެރުއްވި އަމުރަކީ އަޅުކަން ކުރުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ނިންމުމެއް ނޫން ކަމަށެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ވަކީލު ޗެކަޓް ވިދާޅުވީ، ދީނީ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މި މައްސަލަ ފަރަންސޭސިވިލާތުގެ އެންމެ މަތީ އިދާރީ ކޯޓު ކަމަށްވާ "ކައުންސިލް އޮފް ސްޓޭޓް" އަށް ހުށަހަޅާނެ ކަމަށެވެ.

ފަރަންސޭސި ސަރުކާރުން މުސްލިމް މުއައްސަސާތަކަށް ދެމުންދާ ފިއްތުންތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ފަރަންސޭސި ސަރުކާރުން ވަނީ 22 މިސްކިތެއް ބަންދުކޮށްފައެވެ. މީގެ އިތުރުން، މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތައް ވެސް ވަނީ އުވާލާފައެވެ. މިއީ ސަލާމަތީ ގާނޫނުތަކުގެ ނިވަލުގައި މުސްލިމުންގެ ދީނީ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450