ކޮލަމް

56 ދުވަސްވަންދެން ދިރިފެން ބޮއެގެން ބަރުދަން ލުއިކުރެވިދާނެތަ؟

56 ދުވަސްވަންދެން ދިރިފެން ބޮއެގެން ބަރުދަން ލުއިކުރެވިދާނެތަ؟

ދިރިފެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 08:04

09 އޯގަސްޓު 2026، 08:04

ދިރިފެނަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ވަރަށް މަގުބޫލު އަދި ގުދުރަތީ ބާވަތެކެވެ. މިއީ ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމު އަވަސްކޮށްދޭ އެއްޗެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް، 56 ދުވަސްވަންދެން މެދުނުކެނޑި ދިރިފެން ބޮއެފިނަމަ ހަގީގަތުގައިވެސް ބަރުދަން ލުއިވާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. 'އެނަލްސް އޮފް ނިއުޓްރިޝަން އެންޑް މެޓަބޮލިޒަމް' ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، 56 ދުވަސްވަންދެން ގަވާއިދުން ދިރިފެން ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދިރިފެނަކީ ކޮބާ؟
ދިރިފެން ތައްޔާރުކުރަނީ ކައްކާފައި ހުންނަ ފެނުގެ ތެރެއަށް ދިރި އެޅުމަށްފަހު، އޭގެ ފައިދާހުރި މާއްދާތައް ފެނުގެ ތެރެއަށް ނެރެގެންނެވެ. އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ފެން ހުންނަންވާނީ ކެކިކެކި އެވެ. އަދި ބޭނުންކުރާ ފެނުގެ މިންވަރާ އެއްވަރަށް ދިރީގެ މިންވަރުވެސް ހިފަހައްޓަންވާނެއެވެ. ދިރިފެން ބަހައްޓަންވާނީ އާދައިގެ ފިނިހޫނުމިނުގައެވެ. އަދި ފަރމަންޓްވިޔަ ނުދިނުމަށްޓަކައި މަތިޖަހާފައި ބެހެއްޓުން މުހިންމެވެ. އެންމެ ފައިދާހުރި ގޮތަކީ ބޯންވުމުން ތާޒާކޮށް ތައްޔާރުކުރުމެވެ.

ތައްޔާރުކުރާނެ ގޮތް
ބައެއް މީހުން ރޭގަނޑު ދިރި ފެނަށް އަޅާފައި ބަހައްޓައެވެ. އަނެއްބަޔަކު ކެކިކެކި ހުންނަ ފެނަށް ދިރި އަޅައިގެން ކައްކައެވެ. މި ދެގޮތްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ހޫނުފެނުގައި ކެއްކުމުން ދިރީގައި ހުންނަ ފައިދާހުރި މާއްދާތައް ފަސޭހައިން ބޭރުވެ، ފެނުގެ ތެރެއަށް އެކުލެވިގެންދެއެވެ.

ދިރީގައި އެކުލެވޭ ފައިދާހުރި މާއްދާތައް

ބަރުދަން ލުއިކުރުމަށް ދިރީގައި އެހީތެރިވެދޭ މުހިންމު މާއްދާތަކަކީ:

  • ތައިމޯލް : ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް އުފައްދައިދެއެވެ.
  • ކިއުމިނަލްޑިހައިޑް : މެޓަބޮލިޒަމް ރަނގަޅުކޮށްދެއެވެ.
  • އެންޓިއޮކްސިޑެންޓްސް: ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެއެވެ.
  • މުހިންމު މިނަރަލްތައް: ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދެއެވެ.

ދިރިފެނުން ބަރުދަން ލުއިކޮށްދެނީ ކިހިނެއް؟
ދިރިފެނަކީ ހަމައެކަނި ބޯލުމުން ބަރުދަން ލުއިވާނެ އެއްޗެއް ނޫނެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކާއެކު ބޭނުންކުރުމުން ނަތީޖާ ފެންނަ އެއްޗެކެވެ. މީގެ މުހިންމު ދައުރަކީ ހަޖަމުކުރުން ރަނގަޅުކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަނުދިނުމާއި، އަދި ބަނޑުހައިވުން ކޮންޓްރޯލް ކުރުމެވެ.

56 ދުވަހުގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތައް

1 އިން 7 ވަނަ ދުވަހަށް: ހަށިގަނޑުގައި ފެން ހުންނަ މިންވަރު ރަނގަޅުވެ، ބަނޑު ފޮއްސިވުން ނުވަތަ ބްލޯޓިންގ ކުޑަވެއެވެ. މި ދުވަސްކޮޅުގެ ތެރޭގައި ކިރާލުމުން ބަރުދަން ކުޑަތަންކޮޅެއް ލުއިވެފައި ހުރެދާނެއެވެ.

2 އިން 4 ވަނަ ހަފްތާއަށް: ކެއުމުގެ ދޭތެރޭގައި ބޭކާރު އެއްޗެހި ކެއުން މަދުވެ، ހަޖަމުކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބެއެވެ. ކަސްރަތާއި ރަނގަޅު ކެއުމަކާއެކު މި މުއްދަތުގައި ރަނގަޅު ނަތީޖާއެއް ފެންނާނެއެވެ.

5 އިން 8 ވަނަ ހަފްތާއަށް: ކެލޮރީ ކޮންޓްރޯލް ކުރުމަށް ފަސޭހަވެ، ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލުތައް ސާފުކޮށް ފެންނަން ފަށާނެއެވެ.

ސައިންޓިފިކް ހޯދުންތައް

'ފްރޮންޓިއާސް އިން ނިއުޓްރިޝަން' ޖާނަލްގައިވާ ގޮތުން ދިރިފެނަކީ އުނަގަނޑުގެ ވަށައިގެން ހުންނަ ސަރުބީ މަދުކުރުމަށާއި، ލޭގައި ހުންނަ ހަކުރާއި ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް، މިއީ ހަމައެކަނި ދިރިފެން ބޮއެގެން ކުރެވޭނެ ކަމެއް ނޫނެވެ. މުޅި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްޓަކައި ކެއުމާއި ނިދުމާއި އަދި ހަރަކާތްތެރިވެ އުޅުމަކީ މުހިންމު ކަންކަމެވެ.

ދިރިފެން ބޯން އެންމެ ރަނގަޅު ވަގުތު

  • ހެނދުނު ހުސްބަނޑާ ހުރެ ބުއިން.
  • ކެއުމުގެ ކުރިން ބުއިން (މިއީ ގިނައިން ކެވޭ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ).
  • ކެއުމަށްފަހު ބުއިން (މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ).

ސަމާލުކަން ދޭންޖެހޭ ކަންކަން

ބައެއް މީހުން ދިރިފެން ބުއި ނަމަވެސް ބަރުދަން ލުއިނުވަނީ ބައެއް ގޯސް އާދަތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މާ ގިނައިން ކެއުން، ކަސްރަތު ނުކުރުން، ނިދި މަދުވުން އަދި މާ ގިނައިން ހަކުރު ބޭނުންކުރުން ހިމެނެއެވެ.

އަދި މާ ގިނައިން ދިރިފެން ބޭނުންކުރުމަކީ މޭ އެންދުމާއި ނުވަތަ ބައެއް ބޭސްތަކާ ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. މާބަނޑު މީހުންނާއި، ލޭގެ ހަކުރު ދަށް މީހުން އަދި ހަކުރު ބައްޔަށް ބޭސްކުރާ މީހުން ދިރިފެން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

56 ދުވަސްވަންދެން ގަވާއިދުން ދިރިފެން ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ނަމަވެސް އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ ދުޅަހެޔޮ ކެއުމަކާއި ގަވާއިދުން ކުރާ ކަސްރަތަކާ އެކުގައެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450