ދުނިޔެ

އީރާނާއެކު އޮތް މައްސަލަތަކުގައި އަސްކަރީ ހަމަލާތަކަށްވުރެ ބޮޑަށް އިގްތިސާދީ ފިއްތުންތަކަށް ޓްރަމްޕް އިސްކަންދީފި

އީރާނާއެކު އޮތް މައްސަލަތަކުގައި އަސްކަރީ ހަމަލާތަކަށްވުރެ ބޮޑަށް އިގްތިސާދީ ފިއްތުންތަކަށް ޓްރަމްޕް އިސްކަންދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 04:20

10 އޯގަސްޓު 2026، 04:20

އީރާނާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި، އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބަދަލުގައި އެމެރިކާއިން މިހާރު ބަރޯސާވަނީ އިގްތިސާދީ ފިއްތުންތަކަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އާދީއްތަ ދުވަހު އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، މަސްތަކެއް ވަންދެން ކުރިއަށްދިޔަ ހަމަނުޖެހުންތަކަށްފަހު މިހާރު ގެންގުޅެނީ އަމާން ސިޔާސަތެއް ކަމަށެވެ.

ޓްރަމްޕް ފާހަގަކުރި ގޮތުގައި އީރާނުގެ އިގްތިސާދަށް ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ބަލަމުންދާއިރު، އެމެރިކާއިން އީރާނާއެކު މިހާރު ކުރިއަށް ގެންދަނީ "ސެމީ-ނެގޯޝިއޭޓިންގް" ނުވަތަ ބައެއް މިންވަރަކަށް ކުރެވޭ މަޝްވަރާތަކެކެވެ. އީރާނުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އިންފްލޭޝަން މަތިވެ ސިފައިންނަށް މުސާރަ ދިނުމަށްވެސް އެގައުމަށް ދަތިވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ ބްލޮކޭޑްގެ ސަބަބުން މި ފިއްތުންތައް އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ތެލުގެ އަގު މިހާރު ފީފާއަކަށް 75 ޑޮލަރަށްވުރެ ދަށުގައި ހުރުމުން، އެމެރިކާގެ ކަސްޓަމަރުންނަށް އިގްތިސާދީ ގޮތުން ލިބޭ ލުއިތަކަށްވެސް ޓްރަމްޕް އަލިއަޅުވާލައިފައިވެއެވެ. "މިކަން ހަމަޖެހޭނެ. އަބަދުވެސް ކަންކަން ހަމަޖެހޭ. މިއީ ހަމަ ރާޒުވާ ކުޅިވަރެއް ކަހަލަ ކަމެއް،" އޭނާ ބުންޏެވެ. ޓްރަމްޕް މިހެން ބުނެފައިވަނީ އޮމާން މެދުވެރިވެގެން ހޯމްޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން މިމަހު ބުނެފައިވަނީ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ކަނޑުއޮޅިން އާ ދަތުރުފަތުރުގެ މަގުތަކެއް ކަނޑައެޅުމަށް ދެފަރާތުން އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާއިން އެގައުމުގެ "އަމަލުތައް އިސްލާހުކޮށް"، ކަނޑުގެ ބްލޮކޭޑް ނައްތާލައި، އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އަދި ހަނގުރާމައިގެ ބަދަލު ދިނުމުން ނޫނީ ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވާނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.

މިދިޔަ ޖޫން މަހު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން، ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ވަނީ ރޫޅިފައެވެ. އޭގެ ފަހުން އީރާނުން ދަނީ ކުވެއިތު، ބަހްރޭން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭތެރެ ދޭތެރެއިން ހަމަލާދެމުންނެވެ. މީގެ އިތުރުން، އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީންވެސް ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާންކޮށްފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ޣައްޒާ އާއި ލުބުނާން ހިމެނޭހެން އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ހަނގުރާމަތައް ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ދުވެއްޔާ މެދު ވޮޝިންޓަނާއި އިސްރާއީލާ ދެމެދުވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450