ދުނިޔެ

އެމްޕީއެއް އޮފިޝަލެއް ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު ލައިވްއެއްގައި އެކަމަށް އިއުތިރާފުވެއްޖެ

އެމްޕީއެއް އޮފިޝަލެއް ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު ލައިވްއެއްގައި އެކަމަށް އިއުތިރާފުވެއްޖެ

ނޮންތަބޫރީގެ ކުރީގެ މެންބަރު ޗަލޯންގް ރީވްރޭންގް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 03:37

10 އޯގަސްޓު 2026، 03:37

ތައިލެންޑުގެ ކުރީގެ ޕާލަމެންޓް މެންބަރަކު، އެ ގައުމުގެ ނޮންތަބޫރީ ޕްރޮވިންސްގެ އިސް އޮފިޝަލެއްގެ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު، ޔޫޓިއުބް ލައިވް ޕްރޮގްރާމަކަށް ގުޅައި އެކަން ކުރިކަމަށް އިއުތިރާފުވެއްޖެއެވެ.

ނޮންތަބޫރީގެ ކުރީގެ މެންބަރު ޗަލޯންގް ރީވްރޭންގް ބަޑިޖަހާ މަރާލާފައިވަނީ، އެ ސަރަހައްދުގެ ޕްރޮވިންޝަލް އެޑްމިނިސްޓްރޭޓިވް އޮގަނައިޒޭޝަން (ޕީއޭއޯ) ގެ ރައީސް އަދި ފުލުހުންގެ ކުރީގެ ކާނަލެއް ކަމަށްވާ ތޮންގްޗައި ޔެންޕްރަސަރްތެވެ. މި ހާދިސާ ހިނގާފައިވަނީ ތޮންގްޗައިގެ އޮފީސް ބޭރުގައެވެ. ކަރުގެ ފަހަތަށް ވަޒަން އެރުމުގެ ސަބަބުން ތޮންގްޗައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އޭނާގެ ޑްރައިވަރުގެ އަތަށް ވަޒަން އަރައި ޒަޚަމްވެފައިވެއެވެ.

ކުށް ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޗަލޯންގް ވަނީ މަޝްހޫރު ސިޔާސީ ފަރާތެއްކަަަމަށްވާ އަންޗަލީ ޕައިރީރަކް ޔޫޓިއުބްގައި ކުރިއަށް ގެންދިޔަ ލައިވް ޕްރޮގްރާމަކަށް ގުޅާފައެވެ. ލައިވް މެދުތެރެއިން އަންޗަލީ ފޯނަށް ޖަވާބު ދިންއިރު، ޗަލޯންގް ދެއްކި ވާހަކަތަކުން އޭނާއަށް ބޮޑު ސިހުމެއް ލިބުނު މަންޒަރު ވީޑިއޯއިން ފެނެއެވެ. "އޭނާ މަރުވީތަ؟ ބޮލަށްތަ ބަޑިޖެހީ؟ އެތަނުން އެއްވެސް ތަނަކަށް ނުގޮސް ފުލުހުން އަންނަންދެން މަޑުކުރޭ،" އަންޗަލީ ބުނި އަޑު އިވެއެވެ.

ފުލުހުން ޗަލޯންގް ހައްޔަރުކުރުމަށްފަހު، ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ސިނގިރޭޓެއް ބޯން އިނދެ ހާދިސާ ހިނގި ގޮތް ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި ތޮންގްޗައި އަކީ އޭނާގެ "ގާތް އެކުވެރިއެއް" ކަމަށާއި، ބަޑިޖެހުމުގެ ގަސްތެއް އޭނާގެ ނެތް ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ މެދުގައި އަމިއްލަ މައްސަލައެއް ޖެހިފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޗަލޯންގް ބުނި ގޮތުގައި އޭނާ ތޮންގްޗައިއާ ވާހަކަދައްކަން އުޅުމުން، ތޮންގްޗައި އޭނާ ކޮށްޕާލާފައި ވާހަކަދައްކަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އަދި އޭނާ ބަޑި ނެގި ވަގުތު ތޮންގްޗައިގެ ޑްރައިވަރު ބަޑި ނަގައި އޭނާއާ ދިމާލަށް އަމާޒުކުރުމުން ބަޑި ޖެހީ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ ތައިލެންޑުގެ ސްކޫލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި އަށް މީހުން މަރާލި ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ. މި ދެ ހާދިސާއާ ގުޅުމެއް ނެތް ނަމަވެސް، މިކަމުގެ ސަބަބުން ތައިލެންޑުގައި ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ބަހުސް ވަނީ އަލުން ހޫނުވެފައެވެ. ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން އާންމުން ހަތިޔާރު ގެންގުޅޭ ގައުމަކީ ތައިލެންޑެވެ.

މި ހާދިސާތަކާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ވަނީ ބަޑި ގެންގުޅުމުގެ ގާނޫނުތައް ތަންފީޒުކުރުން ވަރުގަދަކޮށް، މަގުމަތީގައި ފާސްކުރާނެ ޗެކްޕޮއިންޓްތައް ގާއިމުކުރުމަށް އަމުރުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450