ދުނިޔެ
މެލޭޝިއާގެ ހުރިހާ އެއާލައިންތަކެއްގެ ފްލައިޓް ކްރޫއިން މަސްތުވާތަކެއްޗަށް ޓެސްޓުކުރުން މަޖުބޫރުކޮށްފި
މެލޭޝިއާގެ އެއަރލައިނެއްގެ ޕައިލެޓުން
މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އެ ގައުމުގައި އޮޕަރޭޓްކުރާ ހުރިހާ އެއާލައިންތަކެއްގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކެބިން ކްރޫއިން މަސްތުވާތަކެއްޗަށް ޓެސްޓުކުރުން މަޖުބޫރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ މެލޭޝިއާ އެއާލައިންސްގެ ޕައިލެޓަކު މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑޮނޭޝިއާއިން ހައްޔަރުކުރުމާ ގުޅިގެން، އޭވިއޭޝަން ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ސިވިލް އޭވިއޭޝަންއިން އަންގާފައިވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެއާ އޮޕަރޭޓަރ ސެޓްފިކެޓް އޮތް ކޮންމެ އެއާލައިނަކުންވެސް އެ ކުންފުންޏެއްގެ 100 އިންސައްތަ ކްރޫއިން ޓެސްޓުކޮށް ނިންމަންޖެހޭނެ ކަމަށެވެ.
ސީއޭއޭއެމްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ނޫރަޒްމަން މަހްމޫދު ވިދާޅުވި ގޮތުގައި، އެއާލައިންތަކުން ހަމައެކަނި ޓެސްޓުކުރުމުގެ ބަދަލުގައި، މިހާރު ގެންގުޅޭ އުސޫލުތަކަކީ މަސްތުވާތަކެތީގެ ނުރައްކާތައް ދެނެގަނެވޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްތޯ ބަލައި މުރާޖައާކުރަން ޖެހޭނެއެވެ. އަދި ޗުއްޓީގައި ތިބުމުގެ ސަބަބުން ފުރަތަމަ ބުރުގައި ޓެސްޓު ނުކުރެވޭ މުވައްޒަފުންވެސް، އަލުން ވަޒީފާއަށް ނުކުތުމުގެ ކުރިން ޓެސްޓުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ކުއްލި ވަގުތުތަކުގައި މަސައްކަތްކުރާ އިރު، މިސާލަކަށް ރޭގަނޑުގެ އޮޕަރޭޝަންތަކާއި، ބަންދު ދުވަސްތަކާއި އަދި ގިނަ ވަގުތު މަސައްކަތްކުރަންޖެހޭ ދަނޑިވަޅުތަކުގައި ކުއްލި ޗެކްތައް އިތުރުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ. އަދި މުވައްޒަފެއްގެ އަމަލުތައް ހުރި ގޮތުން ޝައްކެއް އުފެދިއްޖެ ހިނދެއްގައި ވަގުތުން ޓެސްޓު ކުރަންޖެހޭނެއެވެ.
އެއާޕޯޓް ސެކިއުރިޓީ ފާސް އޮންނަ މުވައްޒަފުން ވަޒީފާއަށް ނެގުމުގައި ބަލާ މިންގަނޑުތައް ހަރުދަނާކުރުމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ސިވިލް އޭވިއޭޝަން އިން ވަނީ އިރުޝާދު ދީފައެވެ. މި ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު، އެއާލައިންތަކުން އެކަމުގެ ތަފްސީލީ ރިޕޯޓެއް ރެގިއުލޭޓަރަށް ހުށަހަޅަން ޖެހޭނެއެވެ.