ދީން

މުސްލިމް އަންހެނާގެ ފޭރާން: ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގެ ހަތިޔާރަކަށް

މުސްލިމް އަންހެނާގެ ފޭރާން: ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގެ ހަތިޔާރަކަށް

މުސްލިމް އަންހެނުން ހެދުން އެޅުމަށް ބޭނުންކުރާ ބައެއް މިންގަނޑު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 09:09

11 އޯގަސްޓު 2026، 09:09

ނިގާބަކީ މިއަދުގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ބަހުސެއް އުފެދިފައިވާ އެއް މައުޟޫއެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ ގައުމުތަކުގައި "ބުރުގާ މަނާކުރުމަށް" ގޮވައިލާ ގޮވައިލުންތަކަކީ ސިޔާސީ ގޮތުން ބޭނުންކުރާ ވަރުގަދަ ހަތިޔާރަކަށް ވަނީ ވެފައެވެ. މިއީ މުސްލިމުންނަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެމީހުންގެ މިނިވަންކަން ހަނިކޮށް، ނިކަމެތިކުރުމަށް ހިންގޭ ނުރައްކާތެރި ކެމްޕޭނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިކަމާ ގުޅޭގޮތުން އޮތް ތައައްސަބު އެންމެ ބޮޑަށް ހާމަވެގެންދިޔައީ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ނިގާބު އަޅާ އަންހެނުން "ލެޓަރ ބޮކްސް" ނުވަތަ ސިޓީ އަޅަން ބަހައްޓާ ފޮއްޓާއި ބޭންކު ފަޅާ މީހުންނާއި އެއްފަދަކުރި ހިސާބުންނެވެ. ހަމައެއާއެކު، މީޑިއާތަކުން ވެސް މި ހެދުން ސިފަކުރަނީ ބިރުވެރި، އަދި މޫނު ފޮރުވައިގެން ތިބޭ ނޭނގޭ ބައެއްގެ ގޮތުގައެވެ. ނަމަވެސް، މިއީ އައު ކަމެއް ނޫނެވެ. މިއީ އިސްތިއުމާރީ ދުވަސްވަރުން ފެށިގެން މުސްލިމުންނާމެދު ގެންގުޅޭ "އޮރިއެންޓަލިސްޓް" ނުވަތަ އިސްތިއުމާރީ ފިކުރުގެ ތެރެއިން އުފެދިފައިވާ ދެކޮޅުވެރިކަމެކެވެ.

އިސްތިއުމާރީ ދުވަސްވަރު، މުސްލިމް އަންހެނުންގެ ފަރުދާއަކީ ހުޅަނގުގެ މީހުންގެ ސަމާލުކަން ނުހަނު ބޮޑަށް ހުއްޓުނު ކަމެކެވެ. އޭރު ނިގާބު ސިފަކުރެވިފައިވަނީ މިހާރު މި ފެންނަ ފަދަ "އަނިޔާވެރިކަމުގެ" ނިޝާނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މުސްލިމް އަންހެނުންގެ ހަށިގަނޑާއި މޫނު ނިވާވެފައި އޮތުމަކީ، ބޭއަދަބީ ގޮތްގޮތަށް އާދަޔާޚިލާފު ކަމެއްގެ ގޮތުގައި އެމީހުން ދެކުނެވެ.

ފްރާންސުން އަލްޖީރިއާ އިސްތިއުމާރު ކުރި ދުވަސްވަރު، މުސްލިމް އަންހެނުންގެ "ފަރުދާ ކެހުމަށް" ބާރުއަޅައި ވަރުގަދަ ކެމްޕޭންތަކެއް ހިންގިއެވެ. މިގޮތުން "ތިޔަބައިމީހުން ނިވާކަން ކުޑަނުކުރާނަން ހެއްޔެވެ؟ ތިޔަބައިމީހުން ރީއްޗެއް ނޫން ހެއްޔެވެ؟" ފަދަ އިބާރާތްތައް ޝިއާރުތަކެއްގެ ގޮތުގައި ބޭނުންކުރިއެވެ.އެހެންކަމުން، އެ ދުވަސްވަރު ނިގާބު ވެގެންދިޔައީ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒަށް ކިޔަމަންނުވުމާއި، އެމީހުންގެ އަމުރުތަކާ ދެކޮޅަށް ކުރެވޭ އިހުތިޖާޖެއްގެ ރަމްޒަކަށެވެ.

މިއަދު މި ވިސްނުން ވަނީ މުޅިން ބަދަލުވެފައެވެ. މިހާރު ނިގާބާއި ހިޖާބު ސިފަކުރެވެނީ އަންހެނުންނަށް ދެވޭ އަނިޔާއެއް ނުވަތަ ބިރުދެއްކުމެއްގެ ގޮތުގައެވެ. ހުޅަނގުގެ ފެމިނިސްޓް ފިކުރުގައި މިނިވަންކަމަކީ ހެދުން ކުރުވުން ކަމަށް ބެލެވޭއިރު، މުސްލިމް އަންހެނުންގެ އަމިއްލަ އިޚްތިޔާރަށްވުރެ ބޮޑަށް، އެމީހުންނަކީ އެހެން ބަޔަކު "ސަލާމަތްކުރަންޖެހޭ" މަޖުބޫރުވެފައިވާ ބައެއްގެ ގޮތުގައި ދެކެއެވެ.

މީގެ އިތުރުން، 'ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ' ފެށުމާއެކު، ނިގާބަކީ އަސްކަރީ ބާރުގެ ބޭނުން ހިފުމަށް ދެއްކޭ އުޒުރަކަށް ވެގެންދިޔައެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އެރުމުގެ ކުރިން، ނިގާބަކީ އަންހެނުން އަޅުވެތިކޮށްފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި ދައްކައި، އެކަން ސިޔާސީ ހަތިޔާރަކަށް ހެދިއެވެ. މިއީ ހުޅަނގުގެ ބޮންތަކުގެ ސަބަބުން މުސްލިމުން މަރުވުމަށްވުރެ، ނިގާބު އެޅުމަކީ މާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެއްކުމަށް ހިންގި ޕްރޮޕަގަންޑާއެކެވެ. މީގެ އަނެއް ބޭނުމަކީ މުސްލިމް ފިރިހެނުންނަކީ އިންތިހާ ދަރަޖައިގެ އަނިޔާވެރި ބައެއްގެ ގޮތުގައި ސިފަކޮށް، އިސްލާމީ މުޖުތަމައުތަކުގެ އަގުވައްޓާލުމެވެ.

މިއަދު ނިގާބު ސިފަކުރެވެނީ ހަމައެކަނި އަނިޔާވެރިކަމުގެ ނިޝާނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހުޅަނގުގެ ސަގާފީ އުސޫލުތަކަށް އޮތް "ނުރައްކަލެއްގެ" ގޮތުގައި ވެސް ދަނީ ސިފަކުރަމުންނެވެ. ބައެއް ހާލަތްތަކުގައި ބޭއަދަބީ ގޮތްގޮތަށް، އަނެއްބައި ފަހަރު ބިރުވެރިކަމާއި ޓެރަރިޒަމްގެ ރަމްޒެއްގެ ގޮތުގައި، އަދި ބައެއް ފަހަރު އަނިޔާ ލިބޭ މީހެއްގެ ނިޝާނެއްގެ ގޮތުގައި ނިގާބު ބޭނުންކުރެވެއެވެ.

މިފަދަ ތަފާތު ތައައްސަބުތަކުގެ ތެރޭގައި، މުސްލިމް އަންހެނުން ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން އަދާކުރާ މި މާތް އަޅުކަން މިއަދު ވަނީ ސިޔާސީ ކުޅިވަރަކަށް ބަދަލުކޮށްލާފައެވެ. މިއީ އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ހުންނަ މުސްލިމް އަންހެނަކަށް ވުމުގެ ސަބަބުން، މިއަދުގެ ދުނިޔޭގައި އުފުލަންޖެހިފައިވާ ބުރަ އަދި ނުހަނު ބޮޑު އިމްތިހާނެކެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450