ކުޅިވަރު
އެކީގައި އުޅޭތާ 10 އަހަރު ފަހުން ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: އެކްސް
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނިކޮށްފިއެވެ. 2016 ވަނަ އަހަރުން ފެށިގެން އެކީގައި އުޅެމުން އަންނަ މި ދެ މީހުން ކައިވެނިކޮށްފައިވަނީ ޕޯޗުގަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކައިވެނީގެ އުފާވެރި ޚަބަރު މި ދެމަފިރިން ހިއްސާކޮށްފައިވަނީ އެމީހުންގެ ކައިވެނީގެ އަނގޮޓި ދައްކާލައި، އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކާ އެކުގައެވެ. ޕޯޗުގަލްގެ ވެރިރަށް ލިޒްބަންއާ ގާތްގަނޑަކަށް 20 މޭލު ދުރުގައި އޮންނަ ރަށެއް ކަމަށްވާ ކަސްކައިސްގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ރޮނާލްޑޯގެ ފަސް ދަރިން ވެސް ބައިވެރިވިއެވެ.
ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމާ ކައިރިވެފައިވާ ރޮނާލްޑޯއަކީ ސްޕޯޓިންގް، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަލް ނަޞްރުގެ އިތުރުން ޕޯޗުގަލް ގައުމީ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ދާދި ފަހުން އޭނާގެ ހަވަނަ ވޯލްޑް ކަޕްގައި ކުޅެ، އާޖެންޓީނާގެ ލިއޮނަލް މެސީއާ އެކު އެންމެ ގިނަ ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ހިއްސާކޮށްފައެވެ.
މިދިޔަ ހޫނު މޫސުމުގައި ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު އަވަސް އަރުވާލައިގެން ގޮތެއް ނުނިންމާނެ ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ ފާހަގަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 23 އަހަރު ގައުމީ ޓީމަށް ކުޅެ ތިން މުބާރާތް ކާމިޔާބު ކުރެވުމަކީ ބޮޑު އުފަލެކެވެ. ޚާއްޞަކޮށް 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބީއަކީ ވޯލްޑް ކަޕް ފަދަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެއެވެ.
2028 ވަނަ އަހަރު އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ ޔޫރޯ މުބާރާތް އަންނައިރު ރޮނާލްޑޯގެ އުމުރުން 43 އަހަރުވާނެއެވެ. ނަމަވެސް މިވަގުތު އޭނާގެ މުޅި ފޯކަސް ހުރީ އަލް ނަޞްރާ އެކު ފަށާ އާ ސީޒަނަށެވެ.
އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯ ކައިވެނިކޮށްފައި މިވަނީ ސައުދީ ޕްރޯ ލީގުގެ 2026-27 ވަނަ އަހަރުގެ ސީޒަން ފެށުމަށް ހަތަރު ދުވަހަށް ވެފައިވަނިކޮށެވެ. އޭނާ ކުޅެމުން އަންނަ އަލް ނަޞްރު ކްލަބަށް މިހާރު އިރުޝާދު ދެނީ ޓޮޓެންހަމް އާއި ސެލްޓިކްގެ ކުރީގެ ކޯޗު އޭންގް ޕޮސްޓެކޮގްލޫއެވެ.