ދުނިޔެ
ތުރުކީ ދަތުރުގައި ފްލައިޓް ބަދަލުކުރީ އީރާނުގެ ނުރައްކަލުން ސަލާމަތްވުމަށް ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ:ގެޓީ އިމޭޖް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޭޓޯ ސަމިޓަށް ފަހު ތުރުކީއިން ފުރުމަށް ތައްޔާރުކޮށްފައި އޮތް ރިޔާސީ ބޯޓު، އެއާ ފޯސް ވަން ދޫކޮށް ސިއްރިއްޔާތުގައި އެހެން އަސްކަރީ ބޯޓަކަށް ބަދަލުވީ އީރާނުގެ ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށް ބުނެފިއެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސިއްރު އޮޕަރޭޝަން ހިންގާފައިވަނީ އީރާނުން ޓްރަމްޕަށް ހަމަލާއެއް ދީފާނެކަމަށް އިތުބާރު ހުރި މައުލޫމާތުތަކެއް ލިބުމާ ގުޅިގެންނެވެ.
މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ތުރުކީގެ އަންކާރާއިން ފުރުމަށް ކޭޓަރިން ޓްރަކެއްގެ އެހީ ހޯދައި، ޓްރަމްޕް ވަނީ ސިއްރިއްޔާތުގައި ސީ-32އޭ މާކްގެ ކުޑަ އަސްކަރީ ބޯޓަކުން ދަތުރުކޮށްފައެވެ. މީޑިއާތަކާއި ވައިޓް ހައުސްގެ ގިނަ މުވައްޒަފުން ދަތުރުކުރި ކުރީގެ އެއާ ފޯސް ވަން ބޯޓު ބޭނުންކޮށްފައިވަނީ އީރާނުގެ ހަމަލާއިން ރައްކާތެރިވުމުގެ ގޮތުން ކަންކަން އޮޅުވާލުމަށެވެ. އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މިއީ އީރާނުން ދީފާނެ މިސައިލް ހަމަލާއަކުން ރައީސް ރައްކާތެރިކުރުމަށް ހިންގި ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މި ހާދިސާއާ ގުޅިގެން މީގެ ކުރިން ޓްރަމްޕް ބުނެފައިވަނީ އީރާނުގެ އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއަކީ އީރާނުން އޭނާ އަވަހާރަކޮށްލަން ރޭވި ރޭވުންތަކަށް ދެވުނު ރައްދެއް ކަމަށެވެ. އަދި އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތުވެސް ވަނީ އީރާނުން ޓްރަމްޕް މަރާލަން އުޅުނު ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށް ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވް ޗަންގް ވިދާޅުވީ، އެމެރިކާއަށް ނުރައްކާކުރާ ގިނަ ދުޝްމަނުންތަކެއް ސީދާ ރައީސް ޓްރަމްޕަށް އަމާޒުކުރަމުންދާ ކަމަށާއި، ރައީސްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މަތީ ފަރުވާތެރިކަން ބަހައްޓަވާ ކަމަށެވެ.