ދުނިޔެ

ޗައިނާގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ

ޗައިނާގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ

ޗައިނާގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 05:49

12 އޯގަސްޓު 2026، 05:49

ޗައިނާ ދުނިޔޭގެ ވިޔަފާރީގެ ބާރަކަށް ހެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ، އުމުރުފުޅުން 97 އަހަރުގައި އަވަހާރަވެއްޖެއެވެ.

1998 އިން 2003 އަށް ޗައިނާގެ ދެވަނައަށް އެންމެ މަތީ މަޤާމު ކަމަށްވާ ބޮޑުވަޒީރުކަން ކުރެއްވި ޒޫ އަކީ، އެ ޤައުމު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ) ގައި ބައިވެރިކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާއެވެ. އޭނާގެ މި ނިންމެވުމާއެކު ޗައިނާގެ ފެކްޓްރީތައް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ހުޅުވި، ބޭރުގެ އިންވެސްޓްމަންޓްތައް އެ ޤައުމަށް އޮހެން ފެށިއެވެ.

އިޤްތިޞާދީ އިޞްލާޙުގެ މޭސްތިރިއެއްގެ ގޮތުގައި ބެލެވޭ ޒޫ ވަނީ، ލޯކަލް ޓެކްސްގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނަންގަވައި، ގެއްލުމުގައި ހިންގަމުންދިޔަ ދައުލަތުގެ ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައްވައި ނުވަތަ ބަންދުކުރައްވާފައެވެ. އަދި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމަކީ އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.

ޗައިނާގެ ގިނަ ބަޔަކު ޒޫ ބަލައިގަންނަނީ ވަރުގަދަ، އަދި ހަމައެހެންމެ ޢަމަލީ ނަތީޖާ ދައްކަވާ ލީޑަރެއްގެ ގޮތުގައެވެ. އޭނާގެ ވެރިކަމުގައި ޗައިނާގެ އިޤްތިޞާދު ދެގުނަ އަދަދުތަކުން ކުރިއަރައިގެން ދިޔައިރު، އޭނާއަކީ ކަންކަމުގައި ފާޅުގައި ބަސްބުނަން ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެކެވެ.

1998 ވަނަ އަހަރު އޭނާ ވިދާޅުވެފައިވަނީ، ޗައިނާއަށް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ނުރައްކާތެރި ކަންތައްތަކެއް އެބަހުރި ކަމަށެވެ. "އާންމު ރައްޔިތުން ތިބީ ވަރަށް ގިނަ ކަންކަމާ ހިތްހަމަނުޖެހިފައި. ޚާއްޞަކޮށް އޮފިޝަލުންގެ މެދުގައި އޮތް ކޮރަޕްޝަނާއި، މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައި އޮތް ފަރަގުގެ އިތުރުން ބައެއް ލޯކަލް އޮފިޝަލުން އަނިޔާވެރިކޮށް އުޅޭތީ،" ޒޫ އޭރު ވިދާޅުވިއެވެ.

ޒޫ އަކީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅެކެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބޭންކަރުންނަށް "މޮޔައިން" ގެ ނަމުން މުޚާތަބު ކުރައްވައި، ޔަންގްޒޭ ކޯރުގެ އައްސޭރީގައި ހަދާފައިވާ ފެންބޮޑުވުމުން ރައްކާތެރިކޮށްދޭ ފާރުތަކަކީ "ބަލިކަށި އަދި އެއްވެސް އޮއްޓަރެއް ނެތް" އެއްޗެހިތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭނާގެ ދުރުވިސްނޭ ލީޑަޝިޕްގެ ދަށުން ޗައިނާގެ އިޤްތިޞާދު ހަމަޖެހި، ކޮރަޕްޝަން ކުޑަވެގެން ދިޔައެވެ. މީގެ ސަބަބުން ޗައިނާއަކީ ދުނިޔޭގެ މެނުފެކްޗަރިންގް ހަބަކަށް ބަދަލުވެ، އެކަހެރިވެފައި އޮތް ކޮމިއުނިސްޓް ޤައުމެއްގެ ބަދަލުގައި ދުނިޔޭގެ އިޤްތިޞާދީ ބާރަކަށް ވުމުގެ މަގު ފަހިވެގެންދިޔައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450