ދުނިޔެ
ލުބްނާންގެ ދެކުނަށް ހަމަލާތައް ދެމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް: ލުބްނާންގެ ބޮޑުވަޒީރު
އިސްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ލުބްނާންގެ ސަރަހައްދެއް
އިސްރާއީލުން ލުބްނާންގެ ދެކުނުގެ ސަރަހައްދުތަކުގައިވާ އާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ގަސްދުގައި ހަލާކުކުރަމުންދާ ކަމަށް ބުނެ، ލެބަނަން ސަރުކާރުން އިސްރާއީލަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ދެފަރާތުގެ މެދުގައި ވެވިފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނާޒުކު ޙާލަތަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި، އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ލުބްނާންއިން ވަނީ ބުނެފައެވެ.
ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް ބުދަ ދުވަހު ވިދާޅުވީ، އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، ސަރަހައްދަށް ވަދެގަތުމާއި، އަދި ރޭވުންތެރިކަމާއެކު އާންމުންގެ ގެދޮރު ސުންނާފަތި ކޮށްލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ އަސާސްތަކާ ހިލާފު ނުރައްކާތެރި އަމަލެއް ކަމަށެވެ.
އަދި ހަލާކުކޮށްލާފައިވާ އަވަށަކީ އަސްކަރީ މަރުކަޒުތަކެއް ކަމަށް އިސްރާއީލުން ކުރާ ތުހުމަތުތައް ބޮޑުވަޒީރު ވަނީ ރައްދުކުރައްވާފައެވެ. ސަލާމް ވިދާޅުވީ އެއީ އެއްވެސް އިންސާފެއް ނެތް ތުހުމަތުތަކެއް ކަމަށާއި، ރައްޔިތުން ގެދޮރުން ނެރެލައި އެނބުރި އައުން ހުއްޓުވުމަށް އެފަދަ ބަހަނާތައް ނުދެއްކޭނެ ކަމަށެވެ.
ބޮޑުވަޒީރު ސަލާމް މިހެން ވިދާޅުވެފައިވަނީ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ލެބަނަންގެ ދެކުނަށް ޒިޔާރަތްކުރައްވައި، އިސްރާއީލު ސިފައިން ތިބީ އެ ސަރަހައްދުގެ ބިންގަރާސް ވަސީލަތްތަކާއި އެންމެހައި ގެތައް ހަލާކުކުރުމުގެ މަސައްކަތުގައި ކަމަށް ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. މީގެއިތުރުން ކާޓްޒް ވަނީ ލެބަނަން، ސީރިއާ އަދި ޣައްޒާގެ ހިފާފައިވާ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މަސްއޫލުވެރިއަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ވޮޝިންޓަނުން އެދޭ ކަމަށާއި، ލެބަނަންގެ އެއްވެސް ބިމެއް މިލްކުކުރުމުގެ ޝައުގުވެރިކަމެއް ނެތްކަން އިސްރާއީލުން ސާފުކޮށް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އޮގަސްޓް 5 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެ، މީހުން މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި މާޗް މަހު ދޭންފެށި ހަމަލާތަކުގައި އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި 4,333 އަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލިފައެވެ. އެޕްރީލް މަހު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް އިސްރާއީލުން ދަނީ ލެބަނަންގެ ދެކުނުގެ ގިނަ އަވަަށްތަކެއް ހިފައި، ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.